މި އަހަރު ސްކޫލް ހުޅުވެން ވާ އިރަށް ރެހެންދި ސްކޫލުގެ ދައިރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

އެ ސްކޫލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި އަހަރު އެ ސްކޫލްގެ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެ މަސައްކަތާ ގުޅޭ ޕްރީ ބިޑް ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އެ ބައްދަލުވުން އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުހެ ހެނދުނު 11:00 ގައި ކަމަށް އެ ސްކޫލުން ބުނެއެވެ. އަދި އެ ބައްދަލުވުން އޮންނާނީ އެ ސްކޫލުގެ ފައިސާއާ ބެހޭ ބައިގައި ކަމަށް ވެސް އެ ސްކޫލުން ކުރި އިއުލާންގައި ވެއެވެ.

ޕްރީ ބިޑް މީޓިންގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ކަމަށް އެ ސްކޫލުން ބުނެއެވެ. ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ 11:00 ގައި އެ ސްކޫލުގެ ފައިސާއާ ބެހޭ ބައި ގައި ކަމަށް އެ ސްކޫލުން ބުނެއެވެ. އަދި މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުން ނަމަ އެ ސްކޫލުގެ ނަންބަރު 3359902، 3359900 އަށް ގުޅުމަށް އެ ސްކޫލުން ބުނެއެވެ.

ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލަކަށް ހެނދުނުގެ ނާސްތާ ސަރުކާރުން ދެމުން އަންނަތާ އެއް އަހަރު ވެފައި ވާއިރު، މި ދިޔަ އަހަރު ކޮވިޑް އާ ގުޅިގެން ސްކޫލްތައް ބަންދު ކުރުމުން ހެނދުނުގެ ނާސްތާ ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް މިއަހަރު ހެނދުނުގެ ނާސްތާ ޕްރޮގްރާމް އިތުރު ބަދަލުތަކަކާއެކު ހަރުދަނާކޮށް އެފިޝަންޓްކޮށް ކުރިއަށް ގެންދިއުމަށް ވަނީ ބަޖެޓް ކޮށްފައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ބަދަލުތަކެއް ކަމެއް ހާމައެއް ނުކުރައްވައެވެ.

2018 ވަނަ އަހަރު ފެށި މި ޕްރޮގްރާމްގައި އެ އަހަރުގެ ފުރަތަމަ ޓާމްގައި 25 ސްކޫލަކަށް ހެނދުނުގެ ނާސްތާގެ ޕައިލެޓް ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއަށް ފަހު އެ އަހަރުގެ ދެވަނަ ޓާމް އާ ހަމައިން ސަރުކާރުގެ 213 ސްކޫލެއްގައި ރަސްމީކޮށް ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވަނީ ފާށާފައެވެ.

ސްކޫލް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފުއްދެވުމަށް ވެވަޑައިގެންނެވި ރިޔާސީ ވަައުދުފުޅެކެވެ.