މާލެއިން ފުރަން ދިޔަ އިންޑިއާ މީހަކު "ބޮމެކޭ" ބުނި މައްސަލައާ ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވާފިއެވެ.

މާލެއިން ފުރަން ދިޔަ އިންޑިއާ މީހަކު އެއާޕޯޓްގައި ހުރެ 'ބޮމެކޭ' ބުނެ ވާހަކަ ދައްކާފައި ވާ މައްސަލައެއްގައި ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ އުމުރުން 28 އަހަރުގެ މި މީހާ ހައްޔަރު ކުރީ މިމަހުގެ 28 ވަނަ ދުވަހުގެ 13:30 ހާއިރު ކަމަށާއި ކުރިމިނަލް ކޯޓުން ވަނީ މިމީހާގެ ބަންދުގެ މުއްދަތަށް 5 ދުވަސް ދީފައި ކަމަށެވެ. ކޯޓުން ކުރި އަމުރުގައި ވަނީ ތުހުމަތަށް ހައްޔަރުކުރެވުނު ފަރާތް ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ. އަދި އޭނާ ބަންދުކުރުމަށް އަމުރު ކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށާއި، ފުރައިގެން ގޮސްދާނެ ކަމަށް ބަލާފައެވެ.

އެކަމާ ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި މިކަމުގެ އެއްވެސް ވާހަކައެއް ސަރުކަރުންނާއި އެމްއެންޑީއެފް އަދި ފުލުހުން ރައްޔިތުންނަށް ހިއްސާ ނުކުރަނީ ކީއްވެތޯ ވަނީ ސުވާލު އުފައްދާފައެވެ.

އޭގެ އިތުރުން އަވަށްޓެރި ސްރީލަންކާގައި ދާދި ފަހުން ހިނގާދިޔަ ޓެރަރިޒަމްގެ ހަމަލާތަކާ ގުޅިގެން އިބުރަތް ހާސިލް ކުރަން ޖެހޭ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

އޭޕްރިލް 21، 2019 ގައި ބޮލަންކާގެ ތިން ފައްޅިއަކާއި ތިން ހޮޓަލަކަށް ދިން ޓެރަރިޒަމްގެ ހަމަލާގައި 200 އަށްވުރެ ގިނަ މީހުން މަރުވިއެވެ. މި ހަމަލާތަކާ ގުޅިގެން ލަންކާގެ ސެކްރިޓީ ވަރުގަދަކޮށް ބޮޑު އޮޕަރޭޝަނެއް ފެށިއެވެ.

ދީނީ ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ފަރާތްތަކާއި އެފަދަ ފަރާތްތަކުން ކުރަމުން ދާ މަސައްކަތާ ދެކޮޅަށް ކަމާބެހޭ ފަރާތްތަކުން ހާއްސަ އޮޕަރޭޝަންތައް ފަހަކަށް އައިސް އަންނަނީ ހިންގަމުންނެވެ.

އެގޮތުން މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ތ. ތިމަރަފުއްޓަށް ފުލުހުން އަރައި ހަރުކަށި ފިކުރާ ގުޅުން ހުރި ކަމެއްގައި އެރަށުގެ ގިނަ ގެތަކެއް ބަަލައި ވަނީ ފާސްކޮށްފައެވެ.

އޭގެ އިތުރުން 2019 ވަނަ އަހަރުގެ ފަހު ކޮޅު ރ. މަޑުއްވަރީން ވެސް ހަރުކަށި ފިކުރުގެ މައްސަލައެއް ފެންމަތިވެގެން އެރަށަށް ފުލުހުން އަރައި ހާއްސަ އޮޕަރޭޝަނެއް ހިންގާ ގެތަކާއި ދޯނި ފަހަރުތައް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ރަށުން ފެނުނު ހެކިތަކާ އެކު ބަޔަކު ހައްޔަރުވެސް ކުރިއެވެ.