އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓޮޓެންހަމްއާއި ލީޑްސް ޔުނައިޑެޓް ވާދަ ކުރި މެޗު 3-0 އަކުން ޓޮޓެންހަމް ކާމިޔާބުކޮށްފިއެވެ.
މެޗުގެ 29 ވަނަ މިނެޓްގައި ޓޮޓެންހަމްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ނަގައިދިނީ ހެރީ ކޭންއެވެ. ދެން އެޓީމުން ޖެހި ލަނޑަކީ ކޭން ނަގައި ދިން ހުރަހަކުން ޓޮޓެންހަމްގެ ފޯވަޑް ސޮން ހުއިންގް މިން ޖަހާ ދިން ލަނޑެކެވެ. މި ލަނޑަކީ އޭނާ ޓޮޓެންހަމްއަށް ޖަހާ ދިން 100 ވަނަ ލަނޑެވެ.
އެޓީމުގެ ތިން ވަނަ ލަނޑު ޓޮޓެންހަމްއަށް ކާމިޔާބުކޮށް ދިނީ ދެވަނަ ހާފް ފެނުނުތަނާ ހެން އެޓީމުގެ ޑިފެންޑަރު ޓޯބީ އަލްޑާވައިލްޑެވެ.
މި މެޗުން މޮޅުވެ ޓޮޓެންހަމް ވަނީ ލީގު ތާވާލުގެ ތިން ވަނައަށް އަރާފައެވެ. އެއީ ކުޅުނު 16 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ.
މި މެޗުން ބަލިވި ލީޑްސް ޔުނައިޑެޓް މިހާރު އޮތީ ކުޅުނު 17 މެޗުން 23 ޕޮއިންޓް ހޯދައިގެން ތާވާލުގެ 11 ވަނައިގައެވެ.
މިއަދު ޕްރިމިއާ ލީގުން ލިބުނު އެހެން ހަބަރަކަށް ބަލާ އިރު މާދަމާ ފުލަމާއި ބާންލީ ވާދަ ކުރަން އޮތް މެޗު ޕްރިމިއާ ލީގުން ވަނީ ފަސްކޮށްފައެވެ. މިމެޗު ފަސްކޮށްފައިވަނީ ފުލަމްގެ ކުޅުންތެރިންނާއި ސްޓާފުންގެ ތެރެއިން ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވާތީއެވެ. މިއީ، ކޮވިޑްގެ ސަބަބުން ލީގުގައި ފުލަމް ކުޅެން އޮތް މެޗެއް ފަސްކުރި ދެވަނަ ފަހަރެވެ. މިދިޔަ ބުދަ ދުވަހު ފުލަމާއި ޓޮޓެންހަމް ކުޅެން އޮތް މެޗު ވެސް ލީގުން ވަނީ ފަސްކޮށްފައެވެ.
އިނގިރޭސިވިލާތުގައި އަނެއްކާވެސް ކޮވިޑްގެ ކޭސްތައް ގިނަވެފައިވާ އިރު ޕްރިމިއާ ލީގުގެ މެޗުތައް ހުއްޓާލާނެ ކަމުގެ އިޝާރާތެއް ވެސް ޕްރިމިއާ ލީގުން ވަނީ ކޮށްފައެވެ.