ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ފައިޒާއާއި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކޮށްފައި ވާ ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރުހުން ދީފިއެވެ.
މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން، މި ބައްޔާ ދެކޮޅަށް ވެކްސިނެއް ބޭނުން ކުރުމަށް ޑަބްލިއުއެޗްއޯއިން ރުހުން ދިން ފުރަތަމަ ފަހަރެވެ.
ޑަބްލިއުއެޗްއޯގެ މި ފިޔަވަޅަކީ، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ރާސްތާގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ އިދާރާއިން ސިފަކުރެއެވެ. ޑަބްލިއުއެޗްއޯއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، މިއީ ގައުމުތަކުން އަމިއްލައަށް ވެކްސިން މުރާޖާ ކުރުމަށް ހޭދަ ކުރަންޖެހޭ މުއްދަތުގެ ދުވެލި އަވަސްކޮށް، ވެކްސިން އިމްޕޯޓްކޮށް، އާންމު އުސޫލުން ފެށުމަށް މަގު ކޮށާދެނިވި ފިޔަވަޅެއް ކަމަށެވެ.
ޑަބްލިއުއެޗްއޯއިން ފައިޒާގެ ވެކްސިނަށް ރުހުން ދިނުމާއެކު، ކުޑަކުދިންނާ ބެހޭ އިދާރާ (ޔުނިސެފް) އަދި ޕޭން-އެމެރިކަން ހެލްތު އޯގަނައިޒޭޝަންއަށް ވެކްސިން ގަތުމަށްވެސް ފުރުސަތު ތަނަވަސްވެގެންދާނެ ކަން ޑަބްލިއުއެޗްއޯއިން ފާހަގަ ކުރެއެވެ.
ޑަބްލިއުއެޗްއޯގެ އެސިސްޓަންޓް ޑައިރެކްޓާ ޖެނެރަލް ފޮރ އެކްސެސް ޓޮ މެޑިސިންސް އެންޑް ހެލްތު ޕްރޮޑަކްޓްސް، ޑރ މެރިއެންޖެލާ ސިމާއޯ ވިދާޅުވީ، މިއީ މުޅި ދުނިޔެއަށް ކޮވިޑް-19ގެ ވެކްސިން ކަށަވަރު ކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. ކަން މިހެން އޮތް ނަމަވެސް، ވެކްސިނަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި އަދި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ފައިޒާގެ ވެކްސިނަކީ އެ އިދާރާއިން ކަނޑައަޅާފައިވާ ރައްކާތެރި ކަމުގެ މިންގަނޑުތަކަށް ފެތޭ ވެކްސިނެއް ކަމަށެވެ. އަދި ވެކްސިންގެ ފައިދާތަކަކީ، އެ ވެކްސިން ބޭނުން ކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުމަކަށް ވުރެ ބޮޑު ފައިދާތަކެއް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަ ކޮށްފައެވެ.
ކުރިއަރާފައިވާ ބައެއް ގައުމުތަކުން މިހާރުވެސް ދަނީ އާންމު އުސޫލުން މި ވެކްސިން ބޭނުން ކުރަމުންނެވެ. އެގޮތުން، އެމެރިކާ، ކެނެޑާ، ގަތަރު އަދި ބަހްރައިންއާއި މެކްސިކޯއިންވެސް ދަނީ މި ވެކްސިން ބޭނުން ކުރަމުންނެވެ.
މުޅި ދުނިޔެ ކޮވިޑް-19ގެ ވެކްސިނަކަށް ބޭނުން ވެފައި ވާއިރު، މުއްސަނދި ގައުމުތަކުން ވެކްސިން ޖަމާ ކުރަމުންދާ ކަމުގެ ކަންބޮޑުވުމަކީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުންވެސް ފާހަގަ ކުރާ ކަމެކެވެ. ދާދި ފަހުން އެމްނެސްޓީ އިންޓަނޭޝަނަލް އިން އާންމު ކުރި ރިޕޯޓަކަށް ބަލާއިރު މޮޑާނާ ކުންފުނިން ތަރައްގީ ކުރި ހުރިހާ ވެކްސިނަކާއި، ފައިޒާގެ 96 ޕަސެންޓް ސަޕްލައި ގަނެފައި ވަނީ ކެނެޑާ، އެމެރިކާ އަދި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް، މުއްސަނދި ގައުމުތަކުން ކަން ފާހަގަ ކުރަން ޖެހެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ހެޑް އޮފް އިކޮނޮމިކް އެންޑް ސޯޝަލް ޖަސްޓިސް، ސްޓީވަން ކޮކްބާން ވިދާޅުވީ، މި ކަމުގައި ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރުމުގެ ބަދަލުގައި ފެނިގެން ދަނީ "ފުރަތަމަ އަހަރެން" ގެ ފަލްސަފާ ތަންފީޒު ކުރާ މަންޒަރު ކަމަށެވެ. ބައިނަލްއަގުވާމީ ފެންވަރުގައި އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތް ކުރާ ތަން ނުފެންނަ ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އެފްރިކާގެ ސެންޓާޒް ފޮ ޑިޒީޒަސް ކޮންޓްރޯލް އިން ވަނީ މި ފެށުނު 2021 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރުގެ ކުރިން އެ ސަރަހައްދަށް ވެކްސިންގެ ކޮޅުމަތިވެސް ނުފެނުން އެކަށީގެން ވާ ކަމަށް އިންޒާރު ކޮށްފައެވެ.
މި މައްސަލައަށް އިންސާފުވެރި ހައްލެއް ހޯދާ ދެވޭތޯ ބެލުމަށް، ޑަބްލިއުއެޗްއޯއާއި ބައިނަލްއަގުވާމީ ވެކްސިން އިއްތިހާދު (ގާވީ) އަދި ކޯލިޝަން ފޮ އެޕިޑެމިކް ޕްރެޕެއާޑްނަސް އިނޮވޭޝަންސް (ސެޕީ) އިން ދަނީ "ކޮވެކްސް" ގެ ނަމުގައި ހާއްސަ ޕްރޮޖެކްޓެއް ހިންގަމުންނެވެ. މިއީ މާލީ ތަނަވަސްކަން ކުޑަ ގައުމުތަކަށްވެސް ވެކްސިން ކަށަވަރު ކޮށްދެނިވި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ގައުމުތަކުގެ އާބާދީގެ 20 ޕަސެންޓަށް ވެކްސިން ކަށަވަރު ކޮށްދެއެވެ. މިއަހަރުގެ ކުރީކޮޅު 2 ބިލިއަން ޑޯޒްގެ ވެކްސިން ސަޕްލައި ކުރުމަށް ކޮވެކްސް އެލާޔަންސްއިން ވަނީ އެއްބަސްވުންތައް އެކުލަވާލާފައެވެ.
ރާއްޖެއިން ވެސް ވަނީ ކޮވެކްސް ބިޑް ކާމިޔާބުކޮށް، އާބާދީގެ 20 ޕަސެންޓަށް ވެކްސިން ލިބޭނެ ކަން ކަށަވަރުކޮށްފައެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެކްސިން ދިނުމުގެ މަޝްރޫއު ފެށުން އެކަށީގެން ވާ ކަމުގެ އިޝާރާތެއް ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ދީފައެވެ.
ކޮވެކްސް ފެސިލިޓީއިން ދަނީ އެ މަޝްރޫއުގައި ފައިޒާގެ ވެކްސިން ބައިވެރި ކުރުމަށް މަޝްވަރާ ކުރަމުންނެވެ.
ފުރަތަމަ ޑޯޒްއަށްފަހު 3 ހަފުތަ މަޑުކޮށް، 2 ވަނަ ޑޯޒް ނަގައިގެން ވެކްސިން ފުރިހަމަ ކުރާ ގޮތަށް ފަރުމާކޮށްފައިވާ ފައިޒާގެ ވެކްސިނަކީ، ކޮވިޑް-19އާ ދެކޮޅަށް 95 ޕަސެންޓް ދިފާއު ހޯދާދޭ ކާމިޔާބު ވެކްސިނެއް ކަމަށް އިއުލާން ކުރީ ނޮވެމްބަރު މަހުއެވެ. ފައިޒާއާއި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކުރި ވެކްސިން ރައްކާ ކުރަން ޖެހެނީ މައިނަސް 75 ޑިގްރީ ސެލްސިއަސްގައި ކަމަށް ވާއިރު، ވެކްސިން ރައްކާ ކުރެވޭ މުއްދަތަކީ 5 ދުވަހެވެ.