ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ފްރާންސާއި އެމެރިކާއިން ވެސް ރާއްޖެއާއެކު ދަރަނި ދެއްކުން ފަސްކުރުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ދިވެހި ސަރުކާރާ ފްރާންސް ސަރުކާރާ ދެމެދު ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ދަރަނި ދެއްކުން ފަސް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިއަދެވެ. އަދި ދިވެހި ސަރުކާރާ އެމެރިކާ ސަރުކާރާ ދެމެދު މި އިނީޝިއޭޓިވްގެ ދަށުން ދަރަނި ދެއްކުން ފަސްކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އިއްޔެއެވެ.

އެމެރިކާއިން ރާއްޖެއާއެކު ސޮއި ކޮށްފައި ވަނީ 100،000 އެމެރިކާ ޑޮލަރުގެ ޑެބްޓް ރިލީފް އެއްބަސްވުމެއްގައެވެ. އެމެރިކާއާއެކު ސޮއިކުރި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން، ސޮއި ކުރެއްވީ، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އޮމަރު އަބްދުލް ރައްޒާގެވެ. އަދި އެމެރިކާގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލީޒެވެ.

ފްރާންސާއެކު ރާއްޖެއިން ސޮއި ކުރި އެއްބަސްވުމުގައި ވެސް ރާއްޖޭގެ ފަރާތުން، ސޮއި ކުރެއްވީ، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އޮމަރު އަބްދުލް ރައްޒާގެވެ. އަދި ފްރާންސުގެ ފަރާތުން ސޮއި ކުރެއްވީ ފްރާންސުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު އެރިކް ލަވާޓޫއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި މިނިސްޓާ އޮފް ފިނޭންސް އިބްރާހިމް އަމީރު ވަނީ ބައެއް ގައުމުތަކާއެކު ސޮއި ކުރައްވާފައެވެ. މީގެ ތެރޭގައި އެމެރިކާއާއި ފްރާންސްގެ އިތުރުން ޖަޕާނު ވެސް ހިމެނެއެވެ. ޖަޕާނުން ވެސް ރާއްޖެއާއެކު ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.