ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން، ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ދޭން ފެށޭ ވަރު ވާނެ ކަމަށް އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް (އެއިމްސް) ގެ ޑައިރެކްޓާ ޑރ ރަންދީޕު ގުލޭރިއާ ވިދާޅުވެއްޖެއެވެ.
ޑރ ގުލޭރިއާ ވިދާޅުވީ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނިން ގުޅިގެން ތަރައްގީ ކުރި ވެކްސިނަށް އިނގިރޭސިވިލާތުގެ ރެގިއުލޭޓަރުން ރުހުން ދިނުމަކީ ހެޔޮ ފާލެއް ކަމަށާ، ދެން މާ ގިނަ ދުވަހެއް ނުވެ އިންޑިއާއަށްވެސް ވެކްސިން ލިބިދާނެ ކަމަށެވެ.
ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ދަނީ، އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން، ސިނާއީ ފެންވަރުގައި އުފައްދަމުން ކަން ޑރ ގުލޭރިއާ ވަނީ ފާހަގަ ކުރައްވާފައެވެ.
އޭއެންއައިއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ ގުލޭރިއާ އިތުރަށް ވިދާޅުވީ މިއީ ހަމައެކަނި އިންޑިއާއަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށާ މިއީ ދުނިޔެގެ އެކި ހިސާބުތަކަށް ލިބުނު ކާމިޔާބެއް ކަމަށެވެ.
އަސްޓްރާޒެނީކާގެ ވެކްސިނަކީ، ކޮވިޑް-19 އިން ދިފާއުވުމަށް މިހާރު އާންމު އުސޫލުން ބޭނުން ކުރަމުން އަންނަ ވެކްސިންތަކާ އަޅާ ބަލާއިރު ޖީބަށް ލުއި، ގެންގުޅެން ފަސޭހަ ވެކްސިނެކެވެ.
އަސްޓްރާޒެނީކާގެ ވެކްސިނަކީ 2 ޑިގްރީ ސެލްސިއަސްއާއި 8 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފުރިޖެއްގައި 6 މަހެއްހާ ދުވަހަށް ރައްކާ ކުރެވޭ ވެކްސިނެކެވެ. މޮޑާނާގެ ވެކްސިން ރައްކާ ކުރަން ޖެހެނީ މައިނަސް 20 ޑިގްރީ ސެލްސިއަސްގައި ކަމަށް ވާއިރު ވެކްސިން ރައްކާ ކުރެވޭ މުއްދަތަކީ 30 ދުވަހެވެ. ފައިޒާއާއި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކުރި ވެކްސިން ރައްކާ ކުރަން ޖެހެނީ މައިނަސް 75 ޑިގްރީ ސެލްސިއަސްގައި ކަމަށް ވާއިރު، ވެކްސިން ރައްކާ ކުރެވޭ މުއްދަތަކީ 5 ދުވަހެވެ.
އިންޑިއާގައި ކޮވިޑް-19ގެ ކަންކަން މެނޭޖު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯހުގައިވެސް ހިމެނިވަޑައިގަންނަވާ ޑރ ގުލޭރިއާ ވިދާޅުވީ، އިންޑިއާއަށް ވެކްސިން ލިބުމަށް ދެން ހޭދަވާނީ މަސްތަކެއް ނުވަތަ ހަފުތާތަކެއް ނޫން ކަމަށާ، މިކަމަށް ދެން އޮތީ މަދު ދުވަސްކޮޅެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ.
އިންޑިއާއިން ދަނީ ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނަށް ވަރުގަދައަށް ތައްޔާރު ވަމުންނެވެ. އެގޮތުން މިހާރުވެސް އެތައް ހާސް ސިރިންޖެއް ގަތުމަށް އިންޑިއާ ސަރުކާރުން ވަނީ ބިޑް އުސޫލުން ހުޅުވާލާފައެވެ. އަދި ވެރިރަށް ދިއްލީގައި އޮޕަރޭޓްގައި އޮޕަރޭޓްކުރާ ކޮވިޑް-19ގެ ފުރަތަމަ ވެކްސިން ސެންޓަރުވެސް ނޫސްވެރިންނަށް ދައްކާލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ދަނޑިވަޅަނީ އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓްގެ ކޭސްތައް އިންޑިއާއިންވެސް ރިޕޯޓް ކުރަމުން އަންނަ ދަނޑިވަޅެކެވެ. ޔޫކޭ ވޭރިއަންޓާ ގުޅޭ 25 ކޭހެއް އިންޑިއާއިން ފެނިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ކަން މިހެން އޮތް ނަމަވެސް، ވެކްސިނަކީ މި ވޭރިއަންޓާ ދެކޮޅަށްވެސް ދިފާއު ހޯދާދާނެ ވެކްސިނެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ.