އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަންސް ލިވަޕޫލާއި ނިއުކާސަލް ވާދަ ކުރި މެޗު ދެޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހި 0-0 އަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

މިއާއެކު ލިވަޕޫލް މިވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް އެއްވަރުވެފައެވެ. އަދި މިއާއެކު ތާވާލުގެ ކުރީގައި އަދި ވެސް އޮތް ލިވަޕޫލަށް ކުރިއަށް ދެމިގަންނަން ލިބުނު ފުރުސަތުތައް މިވަނީ ގެއްލިފައެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާ އިރު އެޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އުފައްދާފައެވެ. ފޯވަޑް މުހައްމަދު ސަލާހަށް ކޮންމެ ހާފެއްގައި ވެސް ލަނޑު ޖަހާނެ ރަން ދެ ފުރުސަތު ލިބުނު އިރު މި ދެ ފުރުސަތު ވެސް އޭނާ ވަނީ ނަގާލާފައެވެ. މީގެ އިތުރުން ބްރެޒިލްގެ ފޯވަޑް ފަމީނޯ އަދި ސާޑިއޯ މާނޭއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

މިމެޗުގައި ނިއުކާސަލްގެ ޑިފެންސުން މޮޅު ކުޅުމެއް ދެއްކި އިރު ގޯލް ކީޕަރު ކާލް ޑާލޯ ވަނީ ޔަޤީނުން ވެސް ލަނޑަށް ވާނެ ހަތަރު ވަރަކަށް ހަމަލާ ހުއްޓުވާފައެވެ. މިގޮތުން މެޗުގެ 80 ވަނަ މިނެޓާއި 88 ވަނަ މިނެޓްގައި ލިވަޕޫލުން އުފެއްދި ހަމަލާތައް ނާކާމިޔާބުކޮށް ލުމަށް ޑާލޯ ކުރި ސޭވްތައް ފާހަގަކޮށްލެވޭއެވެ.

ޖެހިޖެހިގެން ދެ މެޗުން އެއްވަރުވުމުން ލިވަޕޫލާއި ގާތުން ވާދަކުރަމުން އަންނަ އެހެން ޓީމުތަކަށް އިތުރު ހިތްވަރެއް ލިބުނު އިރު ތާވަލުގައި އެންމެ ކައިރިން އޮތް ޔުނައިޑެޓާ ލިވަޕޫލާއި ދެމެދު މިހާރު އޮތީ ތިން ޕޮއިންޓްގެ ފަރަގެވެ. އަދި ޔުނައިޑެޓް އިތުރަށް މެޗެއް ކުޅެން ވެސް އެބައޮތެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ ސީޒަންގެ މިހާ ހިސާބުގައި ތާވަލު މުހިންމު ނޫން ކަމަށާ ދެ މެޗުން އެއްވަރުވި ނަމަވެސް ލިވަޕޫލް އަދި ވެސް އޮތީ އެއްވަނައިގައި ކަމަށެވެ. ރޭގެ ނަތީޖާއަކީ ލިވަޕޫލުން ބޭނުންވި ނަތީޖާ ނޫން ކަމަށާ އެހެން ނަމަވެސް ސީޒަންގައި މިއަށް ވުރެ ވެސް ގޯސް ނަތީޖާ ފެނިފައި އެބަހުރި ކަމަށް ވެސް އޭނާ ބުންޏެވެ.