ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސްގެ ކޮމާޝަލް ފްލައިޓަކަށް އީރާނު އަސްކަރިއްޔާއިން ހަމަލާދީ، އެ ބޯޓު ވައްޓާލި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް މާލީ ބަދަލު ދިނުމަށް އީރާނުން ނިންމައިފިއެވެ.

އޮޅުމެއްގެ ތެރެއިން ހިނގި ކަމަށް ބުނާ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް، މާލީ ބަދަލެއްގެ ގޮތުގައި 150000 ޑޮލަރު ދިނުމަށް އީރާނުން ވަނީ ނިންމާފައެވެ.

އީރާނާއި ޒަމާންވީ ހަތުރު، އެމެރިކާއާއި ދެމެދު އިންތިހާއަށް މަސްރަހު ނުތަނަވަސްވެ، ހަނގުރާމައެއްގެ ތުންފަތް މަތީގައި އޮއްވާ، ޔޫކްރައިން އިންޓަނޭޝަނަލް އެއާލައިންސްގެ ކޮމާޝަލް ފްލައިޓެއް އީރާނުގެ ވައިގެ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް، އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ގޮފި ކަމަށްވާ ރިވަލޫޝަނަރީ ގާޑުން އެ ބޯޓަށް ހަމަލާދީ، ވައްޓާލީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

ޔޫކްރައިންގެ ފްލައިޓް ޕީއެސް752އަށް އީރާނުގެ މިސައިލް ހަމަލާ އަމާޒުވި މަންޒަރު/ފޮޓޯ: އީޔޫޓުޑޭ

މި ކަމަށް ބަދަލު ހޯދުމަށާ، ހަމަލާގެ ފަހަތުގައި ތިބި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ޔޫކްރައިންއިން ދަނީ ޑިމާންޑް ކުރަމުންނެވެ.

އީރާނުން ބުނަމުން ދަނީ މި ހާދިސާއަކީ އޮޅުމެއްގެ ތެރެއިން ހިނގި ހާދިސާއެއް ކަމަށް ބުނަމުންނެވެ. ކޮމާޝަލް ފްލައިޓަކަށް ހަމަލާ ދެވުނީ، އީރާނުގެ އަސްކަރިއްޔާއަށް އޮޅުމެއް އަރައިގެން ހެދުނު ގޯހަކުން ކަމަށްވެސް އީރާނުން ވަނީ އިއުތިރާފުވެފައެވެ.

އީރާނުގެ ވެރިރަށް ތެހްރާނުން އުދުއްސާލިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި 2 މިސައިލް ހަމަލާއެއް ދީ، ބޯޓު ވައްޓާލި ހާދިސާގައި އީރާނުގެ 82 މީހަކާއި، ކެނެޑާގެ 63 މީހެއްގެ އިތުރުން އަފްގާނިސްތާނުގެ 4 މީހަކާއި، އިނގިރޭސިންގެ 4 މީހަކާއި ޖަރުމަނުވިލާތުގެ 3 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މީގެ އިތުރުން 9 ކުރޫ މެމްބަރުންނާއެކު ޔޫކްރައިންގެ 11 މީހެއްގެ ފުރާނަވެސް މި ހާދިސާގައި ވަނީ ގެއްލިފައެވެ.

އީރާނު ސަރުކާރުން ބުނީ ވީ އެންމެ އަވަހަކަށް އާއިލާތަކަށް މާލީ ބަދަލު ދޭނެ ކަމަށެވެ. އަދި މިހާދިސާއާ ގުޅިގެން ތައްޔާރު ކުރި ތަހުގީގީ ރިޕޯޓްގެ ފައިނަލް ކޮޕީ، މި ތަހުގީގުގައި ޝާމިލުވާ އެހެން ގައުމުތަކާ ހިއްސާކޮށްފައި ވާނެ ކަމަށްވެސް އީރާނުން ބުނެއެވެ. އެ ގައުމުތަކަކީ ޔޫކްރައިން، އެމެރިކާ، ފަރަންސޭސިވިލާތް، ކެނެޑާ، ސްވީޑަން އަދި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތެވެ.