އެމެރިކާގެ ކެލިފޯނިއާގެ ލޮސްއެންޖަލީޒް ކައުންޓީގައި ކޮންމެ 10 މިނެޓަކުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޕޭޝަންޓެއް މަރުވާ ކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެންމެ ނުރައްކާ މަންޒިލްގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާގެ މަސްރަހުން ކެލިފޯނިއާއަށް ބަލާއިރު، މި ބަލީގައި އެ ސަރަހައްދުން މަރުވާ މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރު ވެފައެވެ.

ބުދަ ދުވަހު އެކަނިވެސް ކެލޮފޯނިއާއިން ވަނީ މަރުގެ 432 ކޭހެއް ރެކޯޑް ކޮށްފައެވެ. މިއީ އެއް ދުވަހާ އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރި ދުވަހެވެ.

އެމެރިކާގައި ކޮވިޑް-19ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު އަންދާލުމަށްފަހު ބާކީ ހުރި ބައިތައް އަޅާ އަށީގައި ކްރެމަޓޯރިއަމްގެ މުވައްޒަފަކު ފާހަގައެއް ޖަހަނީ / ފޮޓޯ: އޭއެފްޕީ

ހާލަތު ތަސްވީރު ކޮށްދެމުން އެލްއޭ ކައުންޓީއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ކޮންމެ 10 މިނެޓަކުން ކޮވިޑް-19ގެ ޕޭޝަންޓެއް މަރުވާ ކަމަށެވެ. ކުރިއަށް އޮތީ މީލާދީ އާ އަހަރުގެ ފެށުން ކަމުގައި ވީ ނަމަވެސް، ރާވާފައި އޮތް ހުރިހާ ދަތުރެއް ކެންސިލް ކުރުމަށާއި، އާއިލާއާއި ލޯބިވާ މީހުންގެ ސަލާމަތާ ރައްކާތެރިކަން އިސް ކުރުމަށްވެސް އެ ޓްވީޓްގައި ވަނީ ގޮވާލާފައެވެ.

ގަވަރުނަރު ގެވީން ނިއުސަމް ވިދާޅުވީ، މަރުވާ މީހުންގެ ރެކޯޑްތަކަކީ އިންތިހާއަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

މި ދަނޑިވަޅަކީ ކެލިފޯނިއާއިން ޕޮޒިޓިވްވި ކޭސްތައްވެސް ރެކޯޑް ކުރަމުން އަންނަ ދަނޑިވަޅެކެވެ. ބަލިބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ދުވަހަކު ނުދާހާ މައްޗަށް ގޮސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މުޅި ކެލިފޯނިއާ ސަރަހައްދަށް ބަލާއިރު އައިސީޔޫގައި ހުސް އެނދެއް ނެތް ކަމަށްވެސް ދެންނެވިދާނެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާ ކުންފުނިން ތަރައްގީ ކޮށްފައިވާ ވެކްސިނެއް ސިރިންޖަކަށް ނަގާ، ޖެހުމަށް ތައްޔާރު ކުރަނީ / ފޮޓޯ: އޭއެފްޕީ

މުޅި އެމެރިކާއަށް ބަލާއިރު އެ ގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 20.2 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 7.8 މިލިއަނަށް ވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައި ވާއިރު، 29312 ޕޭޝަންޓެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ.

މި ދަނޑިވަޅަކީ އެމެރިކާގައި ހަލުވި ދުވެލީގައި ވެކްސިން ކެމްޕޭންވެސް ހިންގަމުން އަންނަ ދަނޑިވަޅެކެވެ. އެގޮތުން މިހާތަނަށް 2.8 މިލިއަން ޑޯޒްގެ ވެކްސިން ދީފައި ވާކަމަށް ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އިން ވަނީ ހާމަކޮށްފައެވެ.