ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ހާލުކޮޅު ދެރަވެ އެޑްމިޓް ކޮށްފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު އެކަން ކަށަވަރުކޮށްދީފައިވާއިރު ހީނާ ވިދާޅުވީ ޑރ. މުއިއްޒުގެ ސިއްހީ ހާލުކޮޅު ދެރަވެ އިއްޔެ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

މިހާރު ހާލުކޮޅު މަޑު މަޑުން ރަނގަޅު ވަމުން އަންނަ ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން މިހާރު ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށް ވެސް ހީނާ ވަނީ ވިދާޅުވެފައެެވެ.

ނަމަވެސް މުއިއްޒު ފަރުވާ ހޯއްދަވަނީ ކޮން ބައްޔަކާއި ގުޅިގެން ކަމެއް ހީނާ ވިދާޅުވެފައެއް ނުވެއެވެ. ހީނާ ވިދާޅުވީ އިތުރު ތަފްސީލު އެނގޭނީ މުއިއްޒުގެ އާއިލާއަށް ކަމަށެވެ.

މުއިއްޒު ވަނީ ޕީޕީއެމްގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މޭޔާކަމަށް ކުރިމަތި ލަށްވާފައެވެ. އޭނާ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރެއްވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފައިވަނީ ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބަކީ މި ގައުމު ސަލާމަތް ކުރުމަށް ލިބޭނެ ހަމައެކަނި ފުރުސަތު ކަމަށް މުއިއްޒު ވަނީ އޭރު ވިދާޅުވެފައެވެ.