އިންގްލިޝް ޕްރިމިއާ ލީގުގައި އާސަނަލްއިން އެންމެ ފަހު ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް މުޅި ކްލަބްގެ ކުޅުން ބަދަލުކޮށް ތަފާތު ޓީމަކަށް މިހާރު ވެފައިވާ ކަމަށް އާސަނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.

އާޓެޓާ މިހެން ބުނީ ރޭ ލީގުގައި ބްރައިޓަންއާ ވާދަ ކުރި މެޗުގައި 1-0 ގެ ސްކޯއަކުން އާސަނަލް ކުރި ހޯދާފައިވަނިކޮށެވެ. މި ހަފްތާ ބަންދުގައި އާސަނަލްއިން ވަނީ 3-1 އަކުން ޗެލްސީ ބަލިކޮށްފައެވެ. މިއީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ޖެހިޖެހިގެން ދެމެޗުން އާސަނަލް މޮޅުވި ފުރަތަމަ ފަހަރެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ ސީޒަންގެ އެންމެ ބިޒީ ދުވަސްތަކުގައި ކުޅެން ހުރި މެޗުތަކުން މޮޅުވާން ޖެހޭކަން ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓަށް ވެސް ވިސްނޭ ކަމަށެވެ. އަދި ވޭތުވެދިޔަ ދެ ތިން ހަފްތާއަކީ ޓީމަށް އުނދަގޫތަކެއް ކުރި މަތިވި ދުވަސްތަކެއް ކަން ފާހަގަކުރަމުން އާޓެޓާ ބުނީ ޓީމުން ދައްކާ ކުޅުން ރަނގަޅު ނަމަވެސް ފުޓްބޯޅައިގައި މުހިންމީ ނެރޭ ނަތީޖާ ކަމަށެވެ.

އާޓެޓާ އިތުރަށް ބުނީ ޖެހިޖެހިގެން ދެ މެޗުން މޮޅުވުމުން ޓީމުގެ ތެރޭގައި އޮތް އިތުބާރު އަލުން އާވެފައިވާ ކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ އުފަލުން ކަމަށެވެ. އޭނާ ބުނީ ތަފާތަކީ މޮޅުވުން ކަމަށާ އާސަނަލްއިން ބޭނުންވަނީ ކުރިއަށް ހުރި މެޗުތަކުން ވެސް މޮޅުވުމަށް ކަމަށެވެ.

ރޭގެ މެޗުގައި އާސަނަލްގެ ހަމައެކަނި ލަނޑު ޖަހާ ދިނީ ފޯވަޑް އެލެގްޒެންޑާ ލަކަޒެޓެވެ. މިމެޗުގައި ބްރައިޓަންއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް އެޓީމުން މި ފުރުސަތުތަކުގެ ބޭނުން ހިފާފައެއް ނުވެއެވެ.

ބްރައިޓަންގެ މައްޗަށް ހޯދި ކާމިޔާބީއާއެކު އާސަނަލްއަށް ލިބުނު ތިން ޕޮއިންޓުން އެޓީމު މިހާރު ވަނީ ތާވަލުގެ 13 ވަނައަށް އަރާފައެވެ. ބްރައިޓަން އޮތީ ފުލުން ހަތަރު ވަނައިގައެވެ.