އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ވުލްވްސާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް ޔުނައިޑެޓުން ލަނޑެއް ޖަހާ މެޗު ކާމިޔާބުކޮށްފިއެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބިގެން ދިޔައެވެ. މިގޮތުން، ޔުނައިޑެޓް ބްރޫނޯ ފަނާންޑޭޒް، މާކަސް ރަޝްފޮޑް އަދި އެންތޮނީ މާޝިއަލް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައެވެ.
ވުލްވްސްގެ ފޯވަޑް ޕެޑްރޯ ނެޓޯ ވެސް މޮޅު ކުޅުމެއް ދެއްކި ނަމަވެސް މެޗުގެ 90 މިނެޓް ހަމަވި އިރު ވެސް ސްކޯ އޮތީ 0-0 ގައެވެ.
ޔުނައިޑެޓް މެޗުން މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އިނގިރޭސި ފޯވަޑް ރަޝްފޮޑެވެ. މެޗުގެ 93 މިނެޓްގައި އޭނާ ގޯލާ އަމާޒުކޮށް ފޮނުވާލި ޝޮޓު ވަނީ ވުލްވްސްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައެވެ.
މި މެޗުން ލިބުނު މޮޅާއެކު ޔުނައިޑެޓް މިވަނީ ތާވާލުގެ ދެވަނަ އަށް ޖެހިލާފައެވެ. އަދި އެޓީމު މިހާރު އޮތީ އެއްވަނައިގައި އޮތް ލިވަޕޫލާ އެންމެ ދެ ޕޮއިންޓް ފަހަތުގައެވެ. މިއީ، ޔުނައިޑެޓްގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން ޓީމާ ވަކިވި ފަހުން ސީޒަންގެ މިހާ ހިސާބުގައި ތާވަލުގެ ދެވަނައަށް ޔުނައިޑެޓުން އެރި ފުރަތަމަ ފަހަރެވެ.
މެޗަށް ފަހު ޔުނައިޑެޓްގެ ކޯޗު އޮލެގުނަ ޝޮލްސްކިޔާ ބުނީ އޭނާގެ ޓީމުން ލީގު ތަށި ހޯދާ ވާހަކަ ދައްކަން އަދި އަވަސް ކަމަށާ ތަށި ހޯދާ ވާހަކަ ދައްކާނީ 30 މެޗު ވަރު ކުޅެ ނިމުމުން ކަމަށެވެ.
ރޭގެ މެޗުން ބަލިވި ވުލްވްސް އޮތީ 21 ޕޮއިންޓާއެކު ތާވާލުގެ 12 ވަނައިގައެވެ.