ސިނަމާލޭ ބްރިޖުގެ ހައިވޭގައި ވެހިކަލްތަކެއް ޖެހި 2 އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ފުރަތަމަ އެކްސިޑެންޓު ހިނގާފައި ވަނީ މާލެ އިން ހުޅުމާލެ އަށް ދާން އޮންނަ ލޭނު ހައިވޭ (އެމްއެންޑީއެފް ޕޯސްޓް އާ ހިސާބު)ގައި އެމްބިއުލާސް އަކާއި ޕިކަޕެއް ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓްގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 08:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ދުއްވާފައި ދިޔަ އެމްބިއުލާންސް، ޕިކަޕުގެ ފަހަތުގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ދެ އުޅަނދަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން އެ އެކްސިޑެންޓް ހިނގި ސަރަހައްދާ 200 ވަރަކަށް ފޫޓު ދުރުގައި އެއްކޮޅަށް ދުއްވާފައި ދިޔަ ތިން ކާރާއި ޕިކަޕެއް ޖެހި ހަމަ އެހާކަން ހާ އިރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޓެންޓުގައި ވެސް 4 އުޅަނދަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށާއި ނަމަވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.

މި ދެ އެކްސިޑެންޓްގައި ހިމެނޭ ހުރިހާ އުޅަނދެއް ވެސް ދުއްވާފައި ވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި ދެ އެކްސިޑެންޓްގެ މައްސަލަ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.