އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ސެޕްޓެމްބަރާއި އޮކްޓޫބަރު މަހު ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 203.07 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.
މިތަކެތި ނައްތާލާފައިވަނީ މިއަދު ހެނދުނު ދޫނިދޫގައެވެ. މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު މީޑިއާތަކަށާއި އޮބްޒާވަރުންނަށް ބައިވެރިވުމުގެ ފުރުސަތު ފުލުހުން ވަނީ ދީފައިވެއެވެ. އެގޮތުން އޮބްޒާވަރުންގެ ގޮތުގައި ހަތަރު ފަރާތަކުން ބައިވެރިވެފައި ވާއިރު، މި ހަރަކާތުގެ ތެރެއިން އޮބްޒާވަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި އޮބްޒާވަރުން ދައްކާ މަސްތުވާތަކެތިން ސާމްޕަލް ނަގައި ޓެސްޓް ކުރުމަށްފަހު އެތަކެތީގެ ބާވަތް ބުނެދީފައެވެ.
މިއަދު ނައްތާލާފައިވާ ތަކެތީގެ ތެރޭގައި ބޮޑު 3 މައްސަލައަކާ ގުޅޭ ތަކެތި ހިމެނެއެވެ. އެއީ:
- ސެޕްޓެމްބަރު 8، 2020 ވަނަ ދުވަހު ޑާކާ މަގުން ރާއްޖެއައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފެނިފައިވާ 3 ކިލޯ 800 ގްރާމް މަސްތުވާތަކެތި
- އޮކްޓޯބަރު 1، 2020 ވަނަ ދުވަހު ސ.ހިތަދޫ / ފިނިފަރު އަބްދުﷲ އިބްރާހީމް އާއި އިތުރު ބަޔަކު ބައިވެރިވެގެން ދިވެހިރާއްޖެ އެތެރެކުރި 79 ކިލޯގެ މަސްތުވަތަކެތި
- އޮކްޓޯބަރު 12، 2020 ވަނަ ދުވަހު ގއ.ވިލިނގިލީ / ލައިޓްހައުސް ޝަހީބް އިބްރާޙީމް އިތުރު ބަޔާކައި ބައިވެރިވެގެން ރާއްޖެ އެތެރެކޮށްފައިވާ 120 ކިލޯގެ މަސްތުވާތަކެތި އެވެ.
މިތަކެތީގެ ތެރޭގައި ހިމެނެނީ 65 އެވިޑެންސްގައި ހިމެނޭ 224 ރަބަރު ޕެކެޓާއި 15،8188.7 ގްރާމްގެ ހެރޮއިންނާއި 3788.4 ގްރާމްގެ ކެނަބިހާއި 41090.6 ގްރާމްގެ މެޓަމްޕެޓަމިން ރެސިމޭޓްގެ އިތުރުން އެހެނިހެން 41 އައިޓެމެވެ. މިއަދު ނައްތާލި މަސްތުވާތަކެތީގެ ބަރުދަނަކީ 203.07 ކިލޯގްރާމެވެ. މިތަކެތީގެ މަގުމަތީގެ އަގު 203،123،830 ރުފިޔާ (203 މިލިއަން ރުފިޔާ) އަށް އަރައެވެ.
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާ މެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.