އިންގްލިޝް ޕްރިމިއާ ލީގުގައި ހޯމަދުވަހުގެ ރޭ ކުޅުނު ދެ މެޗު ވެސް 1-1 އަކުން އެއްވަރު ވެއްޖެއެވެ.

މި ގޮތުން ފުރަތަމަ ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސްއާ ލެސްޓާ ސިޓީ ވާދަކުރި މެޗު 1-1 އަކުން އެއްވަރުވީ އިރު ފުރަތަމަ ލަނޑު ޖެހީ ޕެލަސްއިންނެވެ. މި މެޗުގެ ކުރިން ޕެލަސްއިން އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެޓީމުގެ ގޯލަށް ޖުމްލަ 10 ލަނޑު ވަދެފައިވާ އިރު ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ޕެލަސްގެ ފަރާތުން މާރަނގަޅު ކުޅުމެއް ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް މެޗުގެ ދެވަނަ ހާފްގައި އެޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް އުފައްދާފައެވެ. އަދި މެޗުގެ 58 ވަނަ މިނެޓްގައި އެޓީމުގެ ވިލްފްރެޑް ޒަހާ ވަނީ ހިތްގައިމު ލަނޑެއް ޖަހާ ޕެލަސްއަށް ލީޑު ނަގާދީފައެވެ.

އެހެން ނަމަވެސް މެޗުގެ 83 ވަނަ މިނެޓްގައި ލެސްޓާއިން ވަނީ ލަނޑެއް ޖަހާ ސްކޯ 1-1 އަކަށް ހަދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ލެސްޓާގެ ޒުވާން މިޑްފީލްޑަރު ހާވީ ބާންސެވެ.

މިމެޗުން އެއްވަރުވެ ލިބުނު ޕޮއިންޓާއެކު ލެސްޓާ ސިޓީ މިވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެޓީމު މިހާރު އޮތީ އެއްވަނައިގައި އޮތް ލިވަޕޫލާ ދެޕޮއިންޓް ފަހަތުގައެވެ.

ކްރިސްޓަލް ޕެލަސްވަނީ ތާވާލުގެ 13 ވަނަ އަށް ޖެހިލާފައެވެ.

އެސްޓަން ވިލާއަށް އެއްވަރުކޮށް ދިން ލަނޑު ޖަހާ ދިނީ އަލް-ޣާޒީ

ރޭ ލީގުުގައި ކުޅުނު އަނެއް މެޗުގައި ވާދަކުރީ ޗެލްސީއާ އެސްޓަން ވިލާއެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 34 ވަނަ މިނެޓްގައި ޗެލްސީއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ތަޖުރިބާކާރު ފޯވަޑް އޮލިވިޔޭ ޖިރޫއެވެ.

ޗެލްސީ ކުރީގައި އޮވެގެން ފުރަތަމަ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރުތަކެއް ނުވަނީސް އެސްޓަން ވިލާއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 1-1 އަށް ހެދިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިހާރު ފޯމެއްގައި ކުޅެމުން އަންނަ އަލް ޣާޒީއެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވިލާއަށް ފަސް ލަނޑު ޖަހާދީފައެވެ.

މެޗުން މޮޅުވާން ދެޓީމަށް ވެސް ފުރުސަތުތައް ލިބުނު އިރު މެޗު ނިމުނީ 1-1 އެއްވަރުވެގެންނެވެ. މިއާއެކު، އެސްޓަން ވިލާ މިވަނީ ތާވާލުގައި ޗެލްސީ ފަހަތަށް ޖައްސާލުމަށް ފަހު 5 ވަނަ އަށް އަރާފައެވެ. ޗެލްސީ ހަވަނައިގައި އޮތް އިރު ދެޓީމު ވެސް އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރެއްގައެވެ.

ރޭ ލީގުގައި ކުޅެން އޮތް ތިން ވަނަ މެޗު ވަނީ ފަސްކޮށްފައެވެ. އެވަޓަންއާ މެންޗެސްޓާ ސިޓީ ވާދަ ކުރަން އޮތް މެޗު ފަސްކުރީ ސިޓީގެ ގިނަ ކުޅުންތެރިންތަކަށް ކޮވިޑް-19 ޖެހުމުގެ ސަބަބުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.