އުއްމީދުކުރަނީ އަދި ވެސް ގިނަ ދުވަހަށް ފުޓްބޯޅަ ކުޅެން ކަމަށް މަޝްހޫރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
އޭނާ މިހެން ބުނީ 21 ވަނަ ގަރުނައިގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރުމަށް ފަހު ވާހަކަ ދައްކަމުންނެވެ.
ޑުބައީގައި އޮތް ގްލޯބް ސްކޯ އެވޯޑްސް ހަފްލާގައި ރޮނާލްޑޯ މި އެވޯޑް ކާމިޔާބުކޮށްފައީވަނީ ސަޕޯޓަރުން ދިން ވޯޓުން އޭނާއާ އެންމެ ގާތުން ވާދަކުރި ބާސަލޯނާގެ ލަޔަނަލް މެސީ، ލިވަޕޫލްގެ މުހައްމަދު ސަލާހް އަދި ބްރެޒިލްގެ ރޮނާލްޑީނިއޯ ފަހަތަށް ޖައްސާލުމަށް ފަހުއެވެ.
އެވޯޑާ ހަވާލުވުމަށް ފަހު ވާހަކަ ދައްކަމުން މިހާރު އިޓަލީގެ ޔުވެންޓަސް އަށް ކުޅޭ ރޮނާލްޑޯ ވަނީ އޭނާއަށް ވޯޓު ދިން ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ، އަދި މި ކާމިޔާބީއަކީ ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށާ މިއީ އޭނާގެ ކެރިއަރުގައި އިތުރަށް ކުރިއަށް ދިއުމަށް ލިބިގެންދާނެ ހިތްވަރަކަށްވާނެ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ. ރޮނާލްޑޯ ބުނީ އޭނާ އަދި ވެސް އެތަށް އަހަރެއް ވަންދެން ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށާ އެކަމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މި އެވޯޑާއެކު ރޮނާލްޑޯ ވެފައި މިވަނީ 2000 ވަނަ އަހަރުން 2020 ވަނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށެވެ. މި މުއްދަތުގައި ރޮނާލްޑޯ މިވަނީ ތަފާތު ތިން ގައުމެއްގައި ތިން ކްލަބަކަށް ކުޅެ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. މީގެ އިތުރުން އޭނާ ވަނީ ފުޓްބޯޅައިގައި ދޭ އެންމެ ޝަރަފުވެރި ބަލަންޑޯ އެވޯޑް ވެސް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.
އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއެކު ތިން ލީގު ތަށި ރޮނާލްޑޯ ހޯދި އިރު އެޓީމުން އޭނާ ބަދަލުވި ސްޕެއިންގެ ރިއަލް މެޑްރިޑަށް ދެ ލީގު ތަށި ހޯދައިދިނުމަށް ވެސް ރޮނާލްޑޯ މުހިންމު ރޯލެއް ކުޅުނެވެ. މީގެ އިތުރުން، ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގު ތަށި ވެސް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.
ގްލޯބް ސޮކާ އެވޯޑްސް ހަފްލާގައި މިގަރުނުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބުނީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށެވެ. މީގެ ކުރިން ބާސަލޯނާ އަދި ޖަރުމަނުގެ ބަޔާން މިއުނިކަށް ވެސް ކޯޗުކޮށް ދިން ގާޑިއޯލާއަކީ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ.
މި އެވޯޑްސްގައި މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ބަޔާންގެ ފޯވަޑް ރޮބާޓް ލެވެންޑޯސްކީއަށެވެ.