މެންޗެސްޓާ ސިޓީގެ ބައެއް ކުޅުންތެރިންނާއި ގިނަ ސްޓާފުންތަަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު މިރޭ ލީގުގައި ސިޓީއާއި އެވަޓަން ކުޅެން އޮތް މެޗު ފަސްކޮށްފިއެވެ.
އެވަޓަންގެ ދަނޑުގައި ކުޅެން އޮތް މި މެޗު ފަސްކޮށްފައިވާ ކަން ދެ ކްލަބުން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
މިކަމާ ބެހޭ ގޮތުން ސިޓީއިން ބުނީ މިމަހުގެ 25 ވަނަ ދުވަހު ކުރި ކޮވިޓް-19ގެ ޓެސްޓްތަކުގައި އެޓީމުގެ ފުރަތަމަ 11 ހިމެނޭ ދެކުޅުންތެރިއަކާ ސްޓާފުންގެ ދެ މީހަކު ބައްޔަށް ޕޮޒިޓިވް އިރު އޭނގެ ފަހުން ކުރި ޓެސްޓްތަކުގައި އިތުރު ކޭސްތައް ކްލަބުން ފެނިފައިވާ ކަމަށެވެ. އަދި ކްލަބްގެ ތަމްރީނުތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާ މުޅި ސްކޮޑަށް ބަލިފެތުރުމުގެ ނުރައްކާ ދުރުކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
ހަފްތާ ބަންދުގައި ކުޅުނު މެޗުން މޮޅުވެ ތާވަލުގެ ދެވަނަ އަށް ވަގުތީ ގޮތުން އެރި އެވަޓަންއިން ބުނެފައިވަނީ ސިޓީއާ ލީގުގެ އޮފިޝަލުންނާ މަޝްވަރާ ކުރުމަށް ފަހު މެޗު ފަސްކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މެޗު ބަލަން ޓިކެޓް ގަތް ފަރާތްތަކުގެ އެވަޓަންގެ ސްޓޭޑިއަމްއަށް ނައުމަށް ވެސް ކްލަބުން ވަނީ އެދިފައެވެ.
އިނގިރޭސިވިލާތުގައި އަދި ވެސް ކޮވިޑް މުޅިން ކޮންޓްރޯލްކޮށްފައި ނުވާ އިރު ޕްރިމިއާ ލީގު މެޗުތައް ބެލުމަށް ދަނޑަށް ސްޕޯޓަރުން ވެއްދުމުގެ ހުއްދަ މިވަގުތު ލިބިފައިވަނީ އެވަޓަން އަދި ލިވަޕޫލަށް އެކަންޏެވެ.