އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ތާވާލުގެ އެއްވަނައިގައި އޮތް ލިވަޕޫލާ ތާވާލުގެ ފުލުން ދެވަނައިގައި އޮތް ވެސްޓް ބްރޯމްވިޗް އަލްބިއަން ވާދަ ކުރި މެޗު 1-1 އަކުން އެއްވަރުވެއްޖެއެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކި ލިވަޕޫލުން މެޗުން ލީޑު ނަގާފައިވަނީ 12 ވަނަ މިނެޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ސާޑިއޯ މާނާއެވެ.
ފުރަތަމަ ހާފްގައި ލީޑު އިތުރަށް ފުޅާ ކުރާނެ ފުރުސަތުތައް ލިވަޕޫލަށް ލިބުނު ނަމަވެސް ވެސްޓް ބްރޯމްއިން ވަނީ ޑިފެންސިވް މޮޅު ކުޅުމެއް ދައްކާ ލިވަޕޫލްގެ ހަމަލާތައް ނާކާމިޔާބުކޮށްލާފައެވެ.
ނަތީޖާއަކަށްވީ މެޗުގެ ދެވަނަ ހާފްގައި ދެ ޓީމު ކުޅެން ނިކުތް އިރު މެޗުގެ އޮއިވަރު ބަދަލުވެ ވެސްޓް ބްރޯމްއިން ނުރައްކާތެރި ހަމަލާތައް އުފެއްދުމެވެ. އަދި މެޗުގެ 82 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން އެޓީމުގެ އެޖާޔީ ޖަހާ ދިން ލަނޑާއެކު 1-1ގެ ނަތީޖާއެއް ކަށަވަރުވެގެން ދިޔައެވެ.
މި މެޗުން ލިވަޕޫލަށް ގެއްލުނު ދެ ޕޮއިންޓާއެކު ތާވާލުގެ އެއްވަނައިގައި އެޓީމު ދަމަހައްޓަމުން އަންނަ ފަރަޤު ވަނީ ތިން ޕޮއިންޓަށް ކުޑަވެފައެވެ. މެޗުން މޮޅުވި ނަމަ ލީޑު ފަސް ޕޮއިންޓަށް ފުޅާ ކުރެވުނީސްއެވެ.
އާކޯޗެއްގެ ދަށުން ކުޅެމުން އަންނަ ވެސްޓް ބްރޯމް އަދި ވެސް އޮތީ ތާވާލުގެ ފުލުން ދެވަނައިގައެވެ. އެހެން ނަމަވެސް ލިވަޕޫލްގެ އަތުން ޕޮއިންޓެއް ހޯދުމަކީ އެޓީމަށް ލިބިގެން ދިޔަ ހިތްވަރަކަށް ވެގެންދާނެ ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.