ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅުނުވެ އޮތް އާސަނަލް ރޭ ޗެލްސީއަށް ދެކޮޅަށް ކުޅުނު މެޗު 1-3 އަކުން ކާމިޔާބުކޮށްފިއެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ފަހުން އާސަނަލްއިން ލީގު މެޗަކުން މޮޅުވި ފުރަތަމަ ފަހަރުވެސް މެއެވެ. ރޭގެ މެޗުގައި އެޓީމުގެ ފަރާތުން ތަފާތު ޖޯޝަކާ ވާދަވެރިކަމެއް ފެނިގެން ދިޔަ އިރު މެޗުގެ 34 ވަނަ މިނެޓްގައި އާސަނަލް އަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ ލީޑު ނަގާ ދިނީ ފޯވަޑް ލަކަޒެޓްއެވެ.

ފުރަތަމަ ހާފް ނިމެން ކުޑަތަން ވެފައިވަނިކޮށް އާސަނަލްއަށް ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ސުވިޓްޒަލޭންޑަށް ނިސްބަތްވާ މިޑްފީލްޑަރު ޒަކާއެވެ.

ދެވަނަ ހާފްގައި ވެސް މޮޅަށް ކުޅެ ގިނަ ފުރުސަތުތައް އުފެއްދީ އާސަނަލުންނެވެ. މިގޮތުން، މެޗުގެ 56 ވަނަ މިނެޓްގައި އެޓީމުގެ ޒުވާން ފޯވަޑް ސާކާ ވަނީ ހިތްގައިމު ލަނޑެއް ޖަހާ 3-0 އަކަށް ސްކޯ ހަދާފައެވެ.

މެޗުގައި ޗެލްސީގެ ފަރާތުން މާ މޮޅު ކުޅުމެއް ފެނިފައި ނުވާ އިރު މެޗު ނިމެން 5 މިނެޓަށް ވެފައިވަނިކޮށް އެޓީމުގެ ފޯވަޑް ޓެމީ އަބްރަހަމް ވަނީ ލަނޑެއް ޖަހާފައެވެ. އަދި އެޓީމަށް އޭނގެ ފަހުން ލިބުނު ޕެނަލްޓީއެއް ވެސް ޗެލްސީއަށް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

ރޭގެ މެޗުން މޮޅުވެ އާސަނަލް މިވަނީ ތާވާލުގެ 14 ވަނަ އަށް ޖެހިލާފައެވެ. އަދި މިސީޒަންގައި ރެލިގޭޝަންއާ ހަނގުރާމަކުރަން ޖެހިދާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އެޓީމުން މިވަނީ ފުރިހަމަ ޖަވާބެއް ދީފައެވެ. މި ނަތީޖާއާއެކު ގިނަ ފަރާތްތަކުން ފިއްތުންތައް ކުރިމަތިވަމުން އަންނަ ކޯޗު މިކެލް އާޓެޓާއަށް ހިތްހަމަޖެހިލެވޭނެއެވެ.

އާސަނަލް އަތުން ބަލިވެ ޗެލްސީ މިވަނީ ތާވަލުގެ 7 ވަނައަށް ވެއްޓިފައެވެ. އަދި އެވަޓަންއާ ސިޓީ ފަދަ ޓީމުތަކުން ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އިރު މި ސީޒަންގައި ލީގު ތަށި އުފުލާލުމަށް ޗެލްސީއިން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމުގެ ފުރުސަތުތައް މިދަނީ ހަނިވަމުންނެވެ.