މި ވަގުތަކީ މަސްވެރިކަމުގެ ވިޔަފާރިން ސަރުކާރު ނިކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި އެއްބައިވަންތަކަމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ، ފަތުރުވެރިކަމެކޭ އެއްގޮތަށް، އެ ވިޔަފާރިން ސަރުކާރު ނުކުމެ، އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްލުން ކަމަށް ބުނެވިދާނެ ކަމަށެވެ. ނަމަވެސް މިވަގުތަކީ އެކަން އެގޮތަށް ކުރަން އެންމެ ރަނގަޅު ވަގުތު ކަމަކަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިވަގުތު އެކަން ކޮށްފިނަމަ، މަސްވެރިކަމަށް ބޮޑެތި ލޯނުތައް ނަގައި އިންވެސްޓް ކޮށްގެން ތިބި އެތައް އޮޑިވެރިންނެއް ބަނގުރޫޓު ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ އަމިއްލަ ވިޔަފާރިވެރިންގެ އަތްމައްޗަށް މި ސިނާއަތް ދޫކޮށްލުމަށްޓަކައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން މަސައްކަތްތަކެއް ކުރި ކަމަށާއި ވަރަށް ގިނަ ލުއިތަކެއްވެސް ދިން ކަމަށެވެ. ނަމަވެސް، މަސްވެރިންގެ ޝަކުވާތައް ދިޔައީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކަރުން ދަނީ މަސްވެރިންގެ ޝަކުވާތައް އަޑުއަހަމުން، ކަމަށާއި އެ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އެމަނިކުފާނި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކަރުގެ ސިޔާސަތަކީ، މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށް އެ ސިނާއަތް ބައްޓަން ކުރުން ކަމަށެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީށް ސޯލިހް ވިދާޅުވީ، ސަރުކާރުގެ މަސް ކުންފުނި މިފްކޯ ބޮޑު ގެއްލުމެއްގައި ހިންގާތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވެސް، ސަރުކާރާއި އެސްޓީއޯ އިން މިފްކޯގެ ހަރަދުތައް ދެކޮޅު ޖެއްސުމަށްޓަކައި 571 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަން އެގޮތަށް ކުރަންޖެހުނީ، މަސްވެރިންނަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަޔަ ނުދިނުމަށްޓަކައި ކަމަށެވެ.

ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހުރިއްޔާގެ ދެކަނޑބަލުން ބައިވެރިވަޑައިގަންނަވަނީ/ ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރަކީ، މިފްކޯގެ ވޭތުވެދިޔަ 14 އަހަރުގެ ތާރީހުގައި ވެސް އެންމެ ގިނައިން މަސް ގަތް އަހަރު ކަން ފާހަގަ ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މިދިޔަ އަހަރު މިފްކޯއިން 48494 ޓަނުގެ މަސް ގަތް ކަމަށެވެ. އަދި މިފްކޯގެ މުޅި ހަޔާތުގައި ވެސް އެންމެ ގިނަ ފައިސާ މަސްވެރިންނަށް ދީފައިވަނީވެސް މިދިޔަ 2019 ވަނަ އަހަރު ކަމަށާޢި، އެ އަހަރުގެ ތެރޭގައި، މަހުގެ އަގުގެ ގޮތުގައި މިފްކޯއިން މަސްވެރިންނަށް 903.7 މިލިއަން ރުފިޔާ ދޫކުރި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އަދި މިހިނގާ 2020 ވަނަ އަހަރުގެ މިހާތަނަށް، މަސްވެރިންގެ އަތުން 44510 ޓަނުގެ މަސް މިފްކޯއަށް ގަނެ، 840.31 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިސަރުކާރު ފެށުމާއެކު، މިފްކޯއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން ކަމަށެވެ/

ހަމައެއާއެކު މިފްކޯގެ ދަށުގައި އޮތް ފެލިވަރު ކޭނިން ފެކްޓްރީއަށް އެކަނި ބެލިކަމުގައި ވިޔަސް، ބަދަލުތަކެއް އަންނަކަން ގަބޫލު ކުރަން ޖެހޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެގޮތުން 2018 ވަނަ އަހަރު ފެލިވަރަށްގަތީ 4000 ޓަނުގެ މަސް ކަމަށާއި 2019 ވަނަ އަހަރު، 9000 ޓަނުގެ މަސް އަދި މި އަހަރުގެ މިހާތަނަށް 12000 ޓަނުގެ މަސް، ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ މިފްކޯ ރަނގަޅު ކުރުމަށްޓަކައި މި ސަރުކާރުން ގެންނަ ބޮޑެތި ބަދަލުތައް ކަމަށެވެ.