މިމަހު 20 ވަނަ ދުވަހު މާލޭގައި ބޭއްވި ކާވެނީގެ ހަފްލާއެއްގައި ބައިވެރިވި 35 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކައިވެނީގެ ހަފްލާއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައިރިސްކް މީހުންވެސް ހިމެނޭ ކަމަށެވެ. ޝީ ބިލްޑިންގްގައި ބޭއްވި މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވި ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައި ވާއިރު، ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު ވަނީ މިހަފްލާގައި ބައިވެރިވެފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

އެ ސެންޓަރުން ބުނީ މި ހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ހަމައެއާއެކު، އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުން ދާ ކަމަށް އެ ސެންޓަރުން ބުނެއެވެ.

މި ހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗްއީއޯސީން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅާ ވިހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ސެންޓަރުން ބުނެއެވެ. އަދި އެ ސެންޓަރުން އަދި ގުޅިފައި ނުވި ނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިބުމަށް އެޗްއީއޯސީން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން އެޗްއީއޯސީން ބުނީ މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހައްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޒިރުވާ ފަރާތްތައް މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށް އިލްތިމާސް ކޮށްފައިވެއެވެ. ހަމައެއާއެކު މިފަދަ ހަފްލާތަކުގައި ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައި ވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެ ސެންޓަރުން އިލްތިމާސް ކުރެއެވެ.