އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޑެޓާ ލެސްޓާ ސިޓީ ވާދަކުރި ފޯރިގަދަ މެޗު 2-2 އަކުން އެއްވަރުވެއްޖެއެވެ.
ލީގު ތާވާލުގެ ދެވަނައާ ތިން ވަނައިގައި އޮތް މި ދެޓީމުގެ ކުރިމަތިލުމުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޑެޓުންނެވެ. މެޗުގެ 23 ވަނަ މިނެޓްގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޮޑެވެ.
އޭނގެ 8 މިނެޓް ފަހުން ލެސްޓާއިން ލަނޑެއް ޖަހާ ސްކޯ ހަމަހަމަ ކުރިއެވެ. މި ލަނޑު އެޓީމަށް ޖަހާ ދިނީ ޒުވާން މިޑްފީލްޑަރު ހާވީ ބާންސްއެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ވެސް މޮޅު ކުޅުމެއް ދެއްކި ނަމަވެސް މެޗުގައި ދެން ލަނޑެއް ފެނުނީ ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. މި ގޮތުން ވޭތުވެދިޔަ ދެތިން މެޗުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޔުނައިޑެޓުން ވަނީ އަނެއްކާވެސް މެޗުގެ ލީޑު ނަގާފައެވެ.
މެޗުގެ 80 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބްރޫނޯ ފަނާންޑޭޒްއެވެ. ބާކީ މެޗުގައި 10 މިނެޓް އޮތުމުން މިމެޗުން މޮޅުވެ ޔުނައިޑެޓަށް ތާވާލުގެ ދެވަނަ އަށް ޖެހެލެވޭނެ ކަމަށް ބެލެވުނު ނަމަވެސް މެޗުގެ 85 ވަނަ މިނެޓްގައި ލެސްޓާއިން ވަނީ ލަނޑެއް ޖަހާ 2-2 އަކަށް ސްކޯ ހަދާފައެވެ.
ލެސްޓާގެ ތަޖުރިބާކާރު ފޯވަޑް ޖޭމީ ވާޑީ ޖެހި ޝޮޓް ގޯލުގެ ތެރެއަށް ވަނީ ޔުނައިޑެޓްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ.
މި މެޗުން ލިބުނު ޕޮއިންޓާއެކު ލެސްޓާ ވަނީ ތާވާލުގެ އެއްވަނައިގައި އޮތް ލިވަޕޫލާ ތިން ޕޮއިންޓް ކައިރިއަށް ޖެހިލާފައެވެ.
މިސީޒަންގެ ލީގު ތައްޓަށް ވާދަ ކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ޔުނައިޑެޓް އޮތީ ތާވާލުގެ ތިން ވަނައިގައެވެ.