ދޭސީ ފެންވަރުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ޣެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި އެ ގައުމަށް ކާމިޔާބު ލިބިފައި ވާ ކަމަށް ޗައިނާގެނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަކާލާތު ކުރައްވައިފިއެވެ.
ޗައިނާގައި ވެރިކަން ކުރަމުން އަންނަ ކޮމިއުނިސްޓް ޕާޓީގެ ލީޑަރުން މިފަދަ ބަޔާނެއް އާންމު ކުރައްވާފައި މިވަނީ، ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް ޑިޒީޒް (ސާސްކޮވް-2)ގެ ހަގީގަތް ހޯދުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަހުގީގު ޓީމެއް ޗައިނާއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ގައުމުގެ ސަރަހައްދީ އިމުގެ ތެރޭގައި ކޮންޓްރޯލް ކުރުމުގައި ޗައިނާއިން ވަނީ ކާމިޔާބީ ތަކެއް ހޯދާފައެވެ. ނަމަވެސް، ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރު އެކަން ފޮރުވުމަށް ޗައިނާއިން މަސައްކަތް ކުރި ކަމުގެ ތުހުމަތުތަކުގެ ހޫނުކަމަށް އަދިވެސް ތަސައްލީއެއް ނުލިބެއެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ބަލިމަޑުކަމަށް މިކަންވީވެސް ޗައިނާގެ ސަބަބުން ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.
ޗައިނާއިން ވަނީ ކޮވިޑް-19 ގެ ވާހަކަތައް އެ ގައުމުން ބޭރު ކުރުމުގައި އިސްކޮށް އުޅުނު 8 މީހަކާ ދެކޮޅަށް ހަރުކަށި އަދަބުތަކެއްވެސް ދީފައެވެ.
ކަން މިހެން އޮތް ނަމަވެސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އިސްވެރިން އާންމު ކުރެއްވި ބަޔާނެއްގައި ބުނެފައި ވަނީ، މުހިންމު ރޯލެއް އަދާ ކުރީ ޗައިނާގެ ލީޑާޝިޕުން ކަމަށެވެ. އިންތިހާއަށް އާދަޔާ ހިލާފު މި އަހަރުގައި ޗައިނާއިން ކާމިޔާބު ހޯދީ ދިގު ރާސްތާގެ މަންޒަރަށް ބަލައިގެން ކަމަށް އެ ބަޔާނުގައިވެއެވެ.
ޗައިނާއިން ދަނީ ސާސްކޮވް-2 ގެ އަސްލަކީ އެ ގައުމު ނޫން ކަމަށް ބުނެ، ދިފާއަށް ކުޅެމުންނެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުއުން ޗައިނާއަށް އަމާޒު ކުރަމުން އަންނަ ނަފުރަތު ކަނޑުވާލުމަށްޓަކައި، ކޮވިޑް-19އާ ދެކޮޅަށް ޗައިނާއިން ތަރައްގީ ކުރާ ވެކްސިނަކީ، ތަރައްގީ ވަމުން އަންނަ ގައުމުތަކާ ހިއްސާ ކުރާނެ ވެކްސިނެއް ކަމަށް ބުނެ "ޑިޕްލޮމެޓިކް މާސްކެއް"ގެ ބޭނުން ކޮށްފައިވެއެވެ.
ވައިރަހުގެ ތަހުގީގުތައް ހިންގުމަށް، 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ޓީމެއް، އަންނަ މަހު ޗައިނާއަށް ދަތުރު ކުރާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ. ކޮވިޑް-19 ޖައްސާ ވައިރަހުގެ މިނިވަން ތަހުގީގެއް ހިންގުމަށް ފުރުސަތު ދިނުމަށް ޗައިނާއިން ފަސްޖެހެއެވެ. މިކަމުގެ ސަބަބުން، ތަހުގީގު ހިންގުމާ ގުޅޭ މަޝްވަރާތައް އެތައް މަހަކަށް ދިގުލާ ދިޔައެވެ.
އަންނަ މަހު ޗައިނާއަށް ދަތުރު ކުރާ ސައެންސްވެރިންގެ ޓީމުގައި ހިމެނޭ ބައޮލޮޖިސްޓަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، ޑަބްލިއުއެޗްއޯގެ ތަހުގީގުގެ މައިގަނޑު މަގުސަދަކީ އެއްވެސް ބަޔަކު ބަދުނާމު ކުރުމެއް ނޫނެވެ. ނަމަވެސް، މަގުސަދަކީ، މުސްތަގުބަލުގައި ކުރިމަތިލާން ޖެހިދާނެ މިފަދަ ބަލިމަޑުކަމުން ދިފާއުވެ، ސަލާމަތާއި ރައްކާތެރިކަން ހޯދުން ކަމަށެވެ.
ޖަރުމަނުވިލާތުގެ ރޮބާޓް ކޯކް އިންސްޓިޓިއުޓްގެ، ޑރ ފޭބިއާން ލީންޑާޓްޒް އިތުރަށް ވިދާޅުވީ، މި ތަހުގީގަކީ މި ކަމުގައި ޒިންމާ އުފުލަން ޖެހޭ ގައުމު ހޯދުން ނޫން ކަމަށެވެ. ނަމަވެސް އަމާޒަކީ، މިކަން ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި ހިނގާފާނެ މިފަދަ ހާދިސާއަކުން ސަލާމަތް ވުން ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކުހެން، މި ވައިރަހަކީ ވޫހާންގައި ގަވައިދާ ހިލާފަށް ހިންގަމުންދިޔަ ސީފުޑް ބާޒާރަކުން އައި ވައިރަހެއްކަން ހާމަވިއެވެ. ޖަނަވާރުންގެ ހަށިގަނޑުން، އިންސާނުންގެ ހަށިގަނޑަށް މި ވައިރަސް ފޯރީ އެ ބާޒާރުގެ ތެރެއިން ކަމަށް ބުންޏެވެ.
ނަމަވެސް ތަޖުރިބާކާރުންގެ ވާހަކަ މިހާރު ހިސާބަކަށް ތަފާތެވެ. ތަޖުރިބާކާރުން ބުރަވާ ގޮތުގައި، ވޫހާންއަކީ، ވައިރަސް ގަދައަށް ފެތުރިގަތް މަންޒިލެވެ.