ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ވަކާލާތު ކުރަމުން އަންނަ ޗައިނާގެ އިގުތިސޯދުން، ދުނިޔޭގެ 1 ނަމްބަރު އިގުތިސޯދުގެ މަގާމުގައި އޮތް އެމެރިކާގެ މައްޗަށް ކުރި ހޯދާނީ ހީކުރި ވަރަށް ވުރެ އަވަހަށް ކަމަށް، ސެންޓާ ފޮ އިކޮނޮމިކްސް އެންޑް ބިޒްނަސް ރިސާޗުން ލަފާކޮށްފައެވެ.

ސެންޓާ ފޮ އިކޮނޮމިކްސް އެންޑް ބިޒްނަސް ރިސާޗުން ލަފާ ކުރާ ގޮތުގައި ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދާއި 2 ނަމްބަރު އިގުތިސޯދު އޮތް ރޭންކު، އެއް އިގުސޯދު އަނެއް އިގުތިސޯދާ ބަދަލު ވާނީ 2028 ވަނަ އަހަރުއެވެ. އެހެން ކަމުން ޗައިނާއިން ދުނިޔޭގެ 1 ނަމްބަރު އިގުތިސޯދަށް އަރާ އަދި އެމެރިކާ 2 ނަމްބަރު އިގުތިސޯދުގެ މަގާމަށް މި ވެއްޓެނީ ކުރިން ލަފާ ކުރި މުއްދަތަށް ވުރެ 5 އަހަރު ހަލުވި ދުވެއްޔެއްގައެވެ.

ކުރިއަށް އޮތް 2021 އިން 2025 އަށް ޗައިނާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި އުޅެނީ 5.7 ޕަސެންޓްގައި ކަމަށް ލަފާ ކުރެވެއެވެ. ނަމަވެސް، 2026-2030 އާ ދެމެދު، 4.5 ޕަސެންޓަށް މިއަދަދު ދަށަށް ދާނެ ކަމަށްވެސް ލަފާކުރެވެއެވެ.

2021 ވަނަ އަހަރު އެމެރިކާގެ އިގުތިސޯދު ހެޔޮ ފާލަކަށް އެޅެން ފަށާނެ ކަމަށާ، ނަމަވެސް 2022-2024 އާ ދެމެދު އެމެރިކާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި އުޅޭނީ 1.9 ޕަސެންޓްގައި ކަމަށް ލަފާކުރެވެއެވެ. އެއަށްފަހު އެމެރިކާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި އުޅޭނީ 1.6 ޕަސެންޓްގައި ކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.

ދުނިޔޭގެ 3 ނަމްބަރު އިގުތިސޯދުގެ މަގާމުގައި ޖަޕާނު ދެމި އޮތްނަމަވެސް، 2030 ވަނަ އަހަރު ޖަޕާނު ވައްޓާލާނީ އިންޑިއާއިން ކަމަށްވެސް ސެންޓާ ފޮ އިކޮނޮމިކްސް އެންޑް ބިޒްނަސް ރިސާޗުން ވަނީ ލަފާކޮށްފައެވެ. މިއާއެކު ދުނިޔޭގެ 4 ނަމްބަރު އިގުތިސޯދުގެ ގޮތުގައި އޮތް ޖަރުމަނުވިލާތް، 5 ވަނަ ރޭންކަށް ވެއްޓޭނެއެވެ.

މިފަދަ ބޮޑެތި ބަދަލުތަކެއް ހަލުވި މިނެއްގައި ދުނިޔޭގެ އިގުތިސޯދުތަކަށް މި އަންނަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އިގުތިސޯދީ މަސްރަހަށް އައީ ބަދަލުތަކާ އެކުގައި ކަމަށް ލަފާ ކުރެވެއެވެ.