މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ އޭޝިއާގެ ގައުމަކުން އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމަށް ތައްޔާރު ވެފައި ވާ ކަން، އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރަކާ ހަވާލާދީ މެދުއިރުމަތީގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

އިސްރާއީލުގައި ހަބަރު ފަތުރާ އައުޓްލެޓެއް ކަމަށްވާ ވައިނެޓް ޓީވީއަށް، އިސްރާއީލުގެ ރީޖަނަލް ކޯޕަރޭޝަން މިނިސްޓަރު އޮފީރު އަކޫނިސް ދިން އިންޓަވިއުއަކާ ހަވާލާދީ، މިޑްލް އީސްޓް މޮނިޓާގައި ބުނެފައި ވަނީ، 5 ވަނަ މުސްލިމް ގައުމެއްގެ ގޮތުގައި އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރާ ގައުމަކީ ޕާކިސްތާނު ނޫން ކަން ކަށަވަރު ވާ ކަމަށެވެ.

އަދި އިސްރާއިލާއެކު ގުޅުން ބަދަހި ކުރާނެކަން ކަށަވަރު ވެފައި ވާ ގައުމުގެ ތަފްސީލުތައް، އެމެރިކާގެ އިއުލާނެއްގައި އާންމު ކުރުން އެކަށީގެން ވާ ކަމަށްވެސް އަކޫނިސް އާ ހަވާލާދީ މީޑިއާ ރިޕޯޓްގައިވެއެވެ.

އަކޫނިސްއާ ހަވާލާދީ މެދުއިރުމަތީގެ މީޑިއާއިން ބުނެފައި ވަނީ، އާންމު އުސޫލުން 2 ގައުމަކުން އިސްރާއިލާއެކު ގުޅުން ބަދަހި ކުރުމަ ތައްޔާރުވެފައި ވުން ގާތް ކަމަށެވެ. މީގެ ތެރެއިން އެއް ގައުމަކީ ގަލްފުގެ ގައުމެއް ކަމަށާ، ނަމަވެސް އެއީ ސައުދީ އަރަބިއްޔާ ނޫންކަމަށް އަކޫނިސް ބުނެފައި ވެއެވެ.

އެހެން ކަމުން އެ ގައުމަކީ އޮމާން ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ވަކާލާތު ކުރަމުންނެވެ. ދެން އޮތީ އިސްރާއީލުގެ އިރުމަތިން އޭޝިއާ ބައްރާއި ގާތަށް އޮތް ގައުމެއް ކަމަށާ، އެ މުސްލިމު ގައުމަކީ ކުޑަ ގައުމެއް ނޫން ކަމަށްވެސް އަކޫނިސްއާ ހަވާލާދީ މެދުއިރުމަތީގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

މި ވަނަވަރަށް ބަލާއިރު 5 ވަނަ ގައުމެއްގެ ގޮތުގައި އިސްރާއީލާއެކު ގުޅުން ބަދަހި ކުރާ ގައުމަކަށް ވާނީ، އަފްގާނިސްތާން، އިންޑޮނޭޝިއާ، މެލޭޝިއާ ނުވަތަ ބަންގްލަދޭޝް ފަދަ ގައުމެއް ކަމަށް ކަމަށް މިޑީއާގައި ވަކާލާތު ކުރެއެވެ.

ޕާކިސްތާނުން ވަނީ އިސްރާއީލާއެކު ގުޅުން ބަދަހި ކުރުމަށް އެކުވެރި ބައެއް ގައުމުތަކުން ބާރު އަޅާ ކަން ހާމަކޮށްފައެވެ. ނަމަވެސް ފަލަސްތީނުގެ މައްސަލާގައި އިސްރާއީލުން އިންސާފުވެރި ގޮތެއް ނުނިންމަނީސް އެކަން އެހެން ވާން ނެތް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. އިންޑޮނޭޝިއާގެ ވާހަވެސް ހުރީ މިފަދަ ރޫހެއްގައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިސްކޮށް ހުންނަވައިގެން ފެއްޓެވި "އަބްރަހަމް އެކޯޑްސް" މަޝްރޫއުގެ ތެރެއިން އިސްރާއިލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރި މުސްލިމު ގައުމުތަކުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، ބަހްރައިން، ސޫދާން އަދި މޮރޮކޯ ހިމެނެއެވެ.