މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް ގެނެވުނު ދެވަނަ އިސްލާހަކީ ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރު އާ މަރުހަލާއަކަށް ގެންދިޔުމަށް ގެނެވުން މުހިންމު އިސްލާހީ ބަދަލެއް ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނެފިއެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ވަނީ ޑިސެންބަރު 6، 2020 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކޮށްފައެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި ބިލް ތަސްދީގު ކުރައްވާފައި ވަނީ ޑިސެމްބަރު 23، 2020 ގައެވެ.

މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް އަލަށް ގެނެވުނު އިސްލާހަކީ، ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރު ފުޅާ ކުރުމަށާއި، އާންމު ފަރާތްތަކަށް ފައިސާ ހޯދުމަށާއި އިންވެސްޓް ކުރުމަށް ފަހި ފުރުސަތު ތަކެއް ޒަމާނީ ގޮތެއްގައި ފޯރުކޮށްދިނުމަށް ގެނެވުނު މުހިންމު އިސްލާހެއް ކަމަށް ސީއެމްޑީއޭ އިން ވަނީ ބުނެފައެވެ.

މި ބިލަށް ގެނެވެނު މައިގަނޑު އިސްލާހުތަކުގެ މަފްހޫމަކީ ހިއްސާގެ ބާޒާރުގައި ގާނޫނީ ގޮތުންޝާމިލްވާ ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މިނިސްޓްރީ އޮފް ފިނޭންސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ސީއެމްޑީއޭ ގެ ދައުރާއި މަސްއޫލިއްޔަތުތަކާއި ބާރުތައް ޒަމާނާ އެއްގޮތަށް ކަނޑައެޅިގެން ދިއުން ކަމަށް ސީއެމްޑީއޭ އިން ބުނެއެވެ.

އޭގެ އިތުރުން ހިއްސާގެ ބާޒާރުގައި ސަރުކާރުން ދޫކުރާ ސްކިއުރިޓީޒް ބައިވެރިކުރުވުމުގެ އިންތިޒާމް ކަނޑައެޅުމާއި ހިއްސާގެ ބާޒާރު ފުޅާކުރުމަށް ސީއެމްޑީއޭއަށް ލިބިދޭންޖެހޭ އެންމެހާ ބާރުތައް ހިމެނިފައިވާ އިސްލާހެއް ކަމަށެވެ.

ސީއެމްޑީއޭ އިން ބުނީ ސަރުކާރުގެ ސެކިއުރިޓީޒް ހިއްސާގެ ބާޒާރުގައި ބައިވެރިކުރުމަށް ގެނެވުނު އިސްލާހަކީ ހައްސާސް އިސްލާހެއް ކަމުގައި ގަބޫލުކުރާ ކަމަށެވެ.

އަލަށް ގެނެވުނު މި އިސްލާހުގެ ސަބަބުން ކުރިއަށް އޮތް 5 އަހަރުތެރޭ މިކަމަށް ބޭނުންވާ ޓެކްނޮލޮޖީގެ އިންފްރާސްޓަރަކްޗާ އެމްއެމްއޭ އާއި މި އޮތޯރިޓީ ގުޅިގެން ގާއިވާ ކުރެވި، އާންމު އެންމެހާ ފަރާތްތަކަށް ސަރުކާރުގެ ސެކިއުރިޓީޒްގައި އިންވެސްޓްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް ސީއެމްޑީއޭ އިން ބުނެއެވެ. އަދި މިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރަށް ބޭނުންވާ ފައިސާ ހިއްސާ ބާޒާރުގެ ތެރެއިން ހޯދަން ގެނެވުނު މުހިންމު އިސްލާއެއް ކަމަށް ވެސް ގަބޫލު ކުރާ ކަމަށެވެ.

ސަރުކާރުގެ ސެކިއުރިޓީޒް، ސިއްސާގެ ބާޒާރުގައި ބައިވެރިކުރުމަށް ގާއިމުކުރެވޭ ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗާއަކީ ހުރިހާ ބާވަތެއްގެ ސެކިއުރިޓީޒްގެ މުއާމަލާތްތައް ދިވެހިރާއްޖޭގައި ކުރާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ މަސައްކަތެކެވެ. މިގޮތުން، މިހާރު މި މަސައްކަތްކުރަމުންދާ މެނުއަލް ޕްރޮސެސްގެ ބަދަލުގައި، މުޅި މި ހިދުމަތް އޮޓޮމޭޓްކުރެވި، އާންމުފަރާތްތަކަށް ހިއްސާގެ ބާޒާރުގައި ތަފާތު އެކި ފައިނޭޝަލް ސްކިއުރިޓީޒް ގަނެވިއްކުމުގެ ފުރުސަތު މިހާރަށްވުރެ ފަސޭހަކަމާއެކު މަގުފަހި ވެގެންދާނެއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

ސީއެމްޑީއޭ އިން ބުނީ މާލީ ސެކިއުރިޓީޓްގެ ބިލަށް އަލަށް ގެނެވުނު އިސްހާލަކީ ދުނިޔޭގައި ތައާރަފްވަމުން އަންނަ އީޖާދީ އާ ޕާރަޑަކް ޓްސްތަކަށް ވެސް ފުރުސަތު ފަހިކޮށްދޭ އިސްލާހެއް ކަމަށެވެ. މިގޮތުން އީޖާދީ މަސައްކަތްތަކަށް ފަހިވާގޮތަށް ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގަމުންދާ "ރެގިއުލޭޓަރީ ސޭންޑްބޭކްސް" ހިއްސާގެ ބާޒާރުގައި ތައާރަފްކޮށް، ރެގިއުލޭޓްކުރުމުގެ އެންމެހާ ބާރުތައް މި އިސްލާހުން ލިބިދޭ ކަމަށް ސީއެމްޑީއޭ އިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ބޭނުންވާ އިތުރު ގާނޫނީ ބާރުތައް ބިލަށް ގެނެވުނު އިސްލާހުން މި ފަހިކޮށްދޭ ކަމަށް ސީއެމްޑީއޭ އިން ބުނެއެވެ. މިގޮތުން ސެކިއުރިޓީޒް ދޫކުރާ ފަރާތްތައް ޒިންމާދާރުކުރެވޭނެ އިތުރު ގާނޫނީ ބާރާއި މަސްއޫލިއްޔަތުތައް މި އިސްލާޙުހުގައި ހިމެނުމުގެ އިތުރުން، ދިވެހިރާއްޖޭގައި ލިސްޓްކޮށްފައިވާ ޕަބްލިކް ކުންފުނިތައް ކޯޕަރޭޓް ގަވާނަންސްގެ ފުރިހަމަ އުސޫލްތަކުގައި ދެމެހެއްޓުމަށް އިތުރު ގާނޫނީ ބާރުވެރިކަން މި އިސްލާހުން އެ އޮތޯރިޓީއަށް ލިބިދޭ ކަމަށް ސީއެމްޑީއޭ ވަނީ ބުނެފައެވެ.

ސީއެމްޑީއޭ އިން ބުނީ އެ އޮތޯރިޓީއިން ގަބޫލުކުރަނީ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް ގެނެވުނު ދެވަނަ އިސްލާހަކީ ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރު މަރުހަލާއަކަށް ގެންދިޔުމަށް ގެނެވުން މުހިންމު އިސްލާހީ ބަދަލެއްގެ ގޮތުގައި ކަމަށެވެ.