ޑްރަގް އޮޕަރޭޝަން ތަކެއްގައި އަތުލައި ގަނެފައިވާ މަސްތުވާތަކެތި ނައްތާލުމަށް އޮބްޒާވަރުންގެ ގޮތުގައި އާއްމުން ބައިވެރިވުމުގެ ފުރުސަތު ފުލުހުން ހުޅުވާލާފިއެވެ.

ފުލުހުން ބުނީ މި އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން މައްސަލައެއްގައި ހިމެނޭ މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ތިން މައްސަލައަކީ:

  1. ސެޕްޓެމްބަރު 8، 2020 ވަނަ ދުވަހު ޑާކާ މަގުން ރާއްޖެއައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފެނިފައިވާ 3 ކިލޯ 800 ގްރާމް މަސްތުވާތަކެތި
  2. އޮކްޓޯބަރު 1، 2020 ވަނަ ދުވަހު ސ.ހިތަދޫ / ފިނިފަރު އަބްދުﷲ އިބްރާހީމް އާއި އިތުރު ބަޔަކު ބައިވެރިވެގެން ދިވެހިރާއްޖެ އެތެރެކުރި 79 ކިލޯގެ މަސްތުވަތަކެތި
  3. އޮކްޓޯބަރު 12، 2020 ވަނަ ދުވަހު ގއ.ވިލިނގިލީ / ލައިޓްހައުސް ޝަހީބް އިބްރާޙީމް އިތުރު ބަޔާކައި ބައިވެރިވެގެން ރާއްޖެ އެތެރެކޮށްފައިވާ 120 ކިލޯގެ މަސްތުވާތަކެތި

ފުލުހުން ބުނީ މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު ރައްޔިތުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު ޑިސެމްބަރު 27، 2020 ވަނަ ދުވަހުގެ 12:00 އާ ހަމަށް ހުޅުވާލާފައިވާ ކަމަށެވެ.

ފުލުހުން ވަނީ މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ޖެއްސުމަށްފަހު ޕޮލިސް މީޑިއާ މެއިލް އަށް މެއިލް ކުރުމަށް އެދިފައެވެ.

މިހަރަކާތުގައި އާންމު ރައްޔިތުންނަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މެއިލް ކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 29، 2020 ވާ އަންގާރަ ދުވަހު ދޫނިދޫގަ ކަމަށެވެ.