ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، ސްރީލަންކާގެ ގޯލް އިން މަރުވި މުސްލިމް ފިރިހެން މީހާގެ ގަބުރު ނައްތާލަން ޖެހޭނީ މިކަމާ ގުޅިގެން ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން އާންމު ކޮށްފައިވާ ސާކިއުލާތަކާ އެއްގޮތަށް ކަމަށް، ސްރީލަންކާގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް (ޑީޖީއެޗްއެސް) ޑރ އަސޭލާ ގުނަރަތުނަ، ގޯލް ފުލުހުންގެ ހެޑްކުއާޓަރަށް ލިޔުމުން އަންގަވައިފިއެވެ.
ކޮވިޑް ޖެހިގެން މަރުވި މުސްލިމެއްގެ ގަބުރު އަންދާ ނުލާ، ކޯލްޑް ސްޓޯރޭޖަކަށް ލުމަށް، ގޯލްގެ އެޑިޝަނަލް މެޖިސްޓްރޭޓް ޕަވިތުރާ ސަންޖީވާނީ ޕަތިރަނާ އަމުރު ކުރެއްވީ މި ހަފުތާގެ ކުރީކޮޅުގައެވެ.
މަރުވި މީހާގެ ފިރިހެން ދަރިފުޅު ވަނީ، ބައްޕަގެ ގަބުރު އަންދައިގެން ނައްތާލަން ޖެހޭނަމަ ހަށިގަނޑާ ހަވާލު ނުވާނެ ކަމަށާ، ހަށިގަނޑާ ހަވާލުވާނެ ހަމައެކަނި ގޮތަކީ، ވަޅުލަން ހުއްދަ ދިނުން ކަމަށް ބުނެފައެވެ.
އުމުރުން 84 އަހަރުގެ ފިރިހެން މީހާ މަރުވީ، ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފަރުވާ ދެމުން ދަނިކޮށް، ހާޓްއެޓޭކެއް ޖެހިގެންނެވެ.
އާއިލާގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ، ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރު އެންދުމުގެ މައްސަލައަށް އެހެން ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް، ސްރީލަންކާގެ ސިއްހަތާ ބެހޭ ވުޒާރާއިން ކުރަމުންދާތީ، އެކަން ކޮޅެއްގައި ޖެހެންދެން، ގަބުރު އަންދާނުލާ ބާއްވާ ދިނުމުގެ ވަގުތީ އަމުރަކަށް އެދިއެވެ.
ހާއްސަ ކޮމިޓީއިން ވަކި ގޮތެއް ހަމަޖައްސަންދެން މައްޔިތާގެ ހަށިގަނޑު ކޯލްޑް ސްޓޯރޭޖުގައި ބޭއްވުމަށް ޑީޖީއެޗްއެސް ބަޔާންކުރެއްވި ސިޓީއެއްވެސް އާއިލާގެ ފަރާތުން ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް ޑީޖީއެޗްއެސް މިހާރު ވިދާޅުވަނީ، މި ސިޓީއަކީ ސާކިއުލާތަކުގެއް ބައެއް ނޫން ކަމަށާ، ގަބުރު ނައްތާލުމުގައި އަމަލު ކުރަންވީ ކުރިން އާންމުކުރި ސާކިއުލާތަކާ އެއް ގޮތަށް ކަމަށެވެ.
ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު ނައްތާލަމުން ދަނީ އަންދާލައިގެންނެވެ. ނަމަވެސް މިއީ މުސްލިމުންގެ ދީނީ ގަބޫލުކުރުންތަކާ ހިލާފު ކަމެއް ކަމުން، މިމައްސަލަ ވަނީ ލަންކާގައި ހޫނުވެފައެވެ. އަދި މިކަމަށް ހައްލެއް ހޯދެން ދެކަށް، މުސްލިމުންގެ ގަބުރު އަންދައިގެން ނައްތާލުން ވަގުތީ ގޮތުން މަޑުޖައްސާލާފައި ވާކަމަށް ހަބަރު ލިބެއެވެ.
މިކަމުގައި ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަކި ގޮތަކަށް ނިންމިކަން އަދި ސާފެއް ނުވެއެވެ.