ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އިނގިރޭސިވިލާތުގައި، ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް، ކޮންޓްރޯލެއް ނެތި ފެތުރެމުން ދިއުމާ ގުޅިގެން، އިނގިރޭސިވިލާތުން އަންނަ ފަސެންޖަރުންނަށް ބޯޑަރު ބަންދު ކުރުމަށް ސްރީލަންކާއިން ނިންމައިފިއެވެ.

އިނގިރޭސިވިލާތުން އަންނަ ފަސެންޖަރުންނަށް ބޯޑަރު ބަންދު ކުރުމަށް ސްރީލަންކާއިން ނިންމީ، ރައީސް ގޮތަބާޔާ ރާޖަޕަކްސައަށް އެކަން އެގޮތަށް ކުރުމަށް ފެނިވަޑައިގަތުމުން ކަމަށް ހަބަރު ލިބެއެވެ.

އިނގިރޭސިވިލާތުން މި މަހު ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް (ވީޔޫއައި 202012/01) ފެތުރެމުން އަންނަ ގޮތް ބެލުމަށްފަހު ލަންކާއިން މި ފިޔަވަޅު އެޅީ، އަންގާރަ ދުވަހު ރިޔާސީ ސެކްރެޓާރިއަޓްގައި ކުރިއަށް ގެންދެވި މަޝްވަރާތަކަކަށް ފަހުގައެވެ.

އިނގިރޭސިވިލާތުން އިއްޔެ ލަންކާއަށް ދަތުރު ކުރި ހުރިހާ ފަސެންޖަރުންނަށް ވަނީ ޕީސީއާރް ޓެސްޓު ހެދުމަށާއި 14 ދުވަހުގެ ހަރުކަށި ކަރަންޓީނަކަށް ދިއުމަށް މަޖުބޫރުކޮށްފައެވެ.

އިނގިރޭސިވިލާތުން ލަންކާއަށް ކާގޯ އުފުލާ ފްލައިޓްތަކުގެ ކުރޫއިންވެސް ކަރަންޓީނަށް ދާންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް (ވީޔޫއައި 202012/01) ފެތުރެމުން ދާތީ، އިނގިރޭސިވިލާތާ ގުޅުން ހުރި ދަތުރުތައް މެދުކަނޑާލާފައި ވާ ގައުމުތަކުގެ އަދަދު 40 އަށް އަރައެވެ. މި ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ ހިމެނެއެވެ. ސައުދީއިން ވަނީ ޢުމްރާގެ އަޅުކަންވެސް ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ. އޭޝިއާ ސަރަހައްދަށް ބަލާއިރު، އިންޑިއާއާއި ޕާކިސްތާނުންވެސް ވަނީ އިނގިރޭސިވިލާތާ ގުޅޭ ދަތުރުތައް މަޑުޖައްސާލާފައެވެ.

މިކަމުގައި ރާއްޖެއިން ނިންމާ ގޮތެއް އަދިވެސް އިއުލާންކޮށްފައެއް ނުވެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ)އިން ބާއްވަމުން އަންނަ، ނޫސްވެރިންގެ ސިލްސިލާ ބާއްދަލުވުން ތަކުގެ އާދީއްތަ ދުވަހުގެ ރޭގެ ދަންފަޅީގައި، އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ އާ ވޭރިއަންޓް، އެ އިދާރާގެ ރާޑަރަށް އަރާފައި ވާކަން ހާމަ ކޮށްދިނެވެ. އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަން ހާމަކުރުން ފިޔަވާ އިތުރު ތަފްސީލެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނެތެވެ.

އިނގިރޭސިވިލާތަކީ، ފަތުރުވެރިކަމުގެ ސިނާއަތަށް އިންތިހާއަށް ބަރޯސާވެފައިވާ މި ރާއްޖޭގެ އެންމެ މުހިންމު އެއް މާކެޓެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހު އެކަނިވެސް އިނގިރޭސިވިލާތުން 6000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައި ވެއެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ނަން ހިނގާ 2 އެއާލައިނަކުން މިހާރުވެސް ދަނީ އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ. އެގޮތުން ބްރިޓިޝް އެއާވޭޒް އިން ދަނީ ކޮންމެ ދުވަހަކުވެސް ރާއްޖެއަށް ދަތުރު ކުރަމުން ކަން ފާހަގަ ކުރަން ޖެހެއެވެ. ސްރީލަންކައިން ދަނީ ހަފުތާއަކީ 2 ފްލައިޓް އަޅަމުންނެވެ.

މި ދަނޑިވަޅަކީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފަހު، ބިދޭސީ ފަތުރުވެރިންނަށް ގައުމު ހުޅުވާލުމަށް ސްރީލަންކާއިން ތައްޔާރުވެފައިވާ ދަނޑިވަޅެކެވެ. ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު، ޕައިލެޓް ޕްރޮޖެޓް އުސޫލުން ލަންކާގެ އެއާޕޯޓްތައް ފަތުރުވެރިންނަށް ހުޅުވާލާއިރު، ފުރަތަމަ ގުރޫޕުގައި އެތެރެވާނީ ރަޝިއާގެ ފަތުރުވެރިން ކަމަށް ހަބަރު ލިބެއެވެ.