ބެޑްމިންޓަން އެސޯސިއޭޝަނުން އިއްޔެ ފެށި ބީއޭއެމް މިކްސް ޗެމްޕިއަންޝިޕުގައި އަލަށް ވާދަކުރާ ސައިރިކްސް ރިކްރިއޭޝަން ކްލަބަކީ ކުރިމަގުގައި ބެޑްމިންޓަނުގައި ވަރުގަދަ ޓީމަކަށް ހައްދަވާނެ ކަމުގައި ކްލަބްގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކޮލެޖް ޔުނިވާސިޓީ ކުޅިވަރު މުބާރާތްތަކުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ސައިރިކްސް ކޮލެޖްގެ ވެރިޔާ ޝަރީފް ވިދާޅުވީ، މިއީ ފެށުމެއް ކަމަށާއި ކައިރި މުސްތަގްބަލެއްގައި ބެޑްމިންޓަނުގެ ގިނަ ހަރަކާތްތަކެއްގައި އެ ކޮލެޖުގެ ކްލަބް ބައިވެރިވާނެ ކަމަށެވެ.

ބީއޭއެމް މިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވި ސައިރިކް ރިކްރިއޭޝަން ކްލަބްގެ ކުޅުންތެރިންތަކެއް / ފޮޓޯ: ސައިރިކްސް

ސައިރިކްސް ރިކްރިއޭޝަން ކްލަބްގެ ކުރިމަގާ ބެހޭ ގޮތުން ޝަރީފް ވިދާޅުވީ، އެ ކްލަބްގެ ވަރަށް ރަނގަޅު ޕްލޭނެއް އެބަ އޮތް ކަމަށެވެ. މުބާރާތްތަކުގައި ވާދަ ކުރެވޭ ވަރުގެ ރަނގަޅު ޓީމެއް ނެރުމުގެ އިތުރުން ކުޅުންތެރިން ތަމްރީންކޮށް އާ ކުޅުންތެރިން އުފެއްދުމަށް ވެސް ޕްރޮގްރާމްތަކެއް ފަށާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބެޑްމިންޓަނަށް ކުޑަކުދިންނާއި ޒުވާނުންނާއި އަންހެން ކުޅުންތެރިން އިތުރަށް ޝައުގުވެރި ކުރުމަށާއި މި ކުޅިވަރު ކުރިއެރުވުމަށް ސައިރިކްސް ރިކްރިއޭޝަން ކްލަބުން މިހާރު ވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ކުޑަކުދިންނަށް ކުޅެން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގެ އިތުރުން ތަޖުރިބާކާރު ކޯޗުންގެ އެހީގައި އަތޮޅު ތެރޭގެ ކުޅުންތެރިންނަށް ތަމްރީން ދިނުމާއި ވާދަވެރި މެޗުތައް ކުޅުމަށް ފުރުސަތު ހޯދައި ދިނުމަށް އާންމުކޮށް ހުޅުވާލައިގެން ބެޑްމިންޓަން މުބާރާތެއް ބޭއްވުމުގެ މަސައްކަތް ކްލަބުން ވަނީ ފަށާފައެވެ.

އަދި އެ ކްލަބްގެ މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލާފައި ކަމަށް އެ ކްލަބުން ބުނެއެވެ.