ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ލޯކަލް ޓްރާންސްމިޝަނެއް ނުހިނގާތާ އެންމެ ގިނަ ދުވަސް ކަޑަތު ކުރި ޓައިވާނުގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައި ވާ ކަމަށް ރިޕޯޓް ކޮށްފިއެވެ.

އޭޕްރިލް މަހުން ފަށައިގެން ޓައިވާނުގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައި ނުވާއިރު، މިފަދައިން ބަލި ފެތުރިގެން ކޭހެއް ރިޕޯޓް ނުކުރާ 250 ދުވަސް ފާއިތުވިއެވެ.

ޓައިވާންގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމު ކުރި ރެކޯޑަށް ބަލާއިރު ލޯކަލް ޓްރާންސްމިޝަން އުޅޭކަން ފާހަގަވީ، ޕޮޒިޓިވް ކޭހަކާ ކޮންޓެކްޓް ވި، އުމުރުން 30 އަހަރުގެ އަންހެނެއްގެ ފަރާތުންނެވެ. އޭނާއަކީ ޑިސެމްބަރު 8 ވަނަ ދުވަހާއި 12 ވަނަ ދުވަހާ ދެމެދު، ބިދޭސީ ޕައިލެޓަކާ ކޮންޓެކްޓްވި އަންހެނެކެވެ.

ޓައިވާނުން ލޯކަލް ޓްރާންސްމިޝަނެއް ހިނގައިގެން އެންމެ ފަހުން ރިޕޯޓް ކޮށްފައި އޮތީ އޭޕްރިލް 12 ވަނަ ދުވަހުއެވެ.

ކަން މިހެން އޮތް އިރު، އެ ގައުމަށް ކޮވިޑް-19ގެ 3 ކޭހެއް އިމްޕޯޓްވި ކަމަށްވެސް މިއަދު ރިޕޯޓްކޮށްފައިވެއެވެ. މިއާއެކު ޓައިވާނުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 770 އަށް އަރާފައެވެ. މި ބަލީގައި ޓައިވާނުން މަރުވީ އެންމެ 7 މީހުންނެވެ.

ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް ފެތުރެމުން ދިޔަ ކަމުގައި ވީ ނަމަވެސް، އިނގިރޭސިވިލާތުގެ ދަތުރުތަކަށް ބޯޑަރު ބަންދު ނުކުރާނެ ކަމަށް ޓައިވާނުން ވަނީ ބުނެފައެވެ. ޓައިވާންގެ ސިއްހަތާ ބެހޭ އިސް އޮފިޝަލަކު ވަނީ، މިހާރު ތަންފީޒު ކުރަމުންދަނީ އެކަށީގެންވާ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވެފައެވެ.