ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރު ކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކޮށް އިމްޕޯޓް އެކްސްޕޯޓް ގާނޫނު ތަސްދީގު ކުރައްވައިފިއެވެ.

މިމަހު 7 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރި އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް 18 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވާފައި ވަނީ މިއަދެވެ. މި ބިލާއެކު އިސްލާހު ކުރައްވާފައި ވަނީ އެ ގާނޫނުގެ 7 ވަނަ މާއްދާއެވެ.

އިޕޯޓް އެކްސްޕޯޓް ގާނޫނުގެ 7 ވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސް ސޯލިހް ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މި ބިލާއެކު މަނާ ވާނެއެވެ. އަދި، އެފަދަ ތަކެތީގެ ލިސްޓެއް، އެކި މަރުހަލާ ތަކަކަށް ބައްސަވާ ލައްވައިގެން، ކަނޑައެޅުއްވުމުގެ އިހްތިޔާރު މި ބިލުގައި ރައީސް ސޯލިހަށް ދެއްވާފައިވެއެވެ.

ހަމަ އެއާއެކު، އެފަދަ ލިސްޓެއް ކަނޑައަޅުއްވައި، 2021 ޖަނަވަރީ 1 ވަނަ ދުވަހުގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމާއި، ލިސްޓު ޝާއިއު ކުރާއިރު، ލިސްޓުގައި ރައީސް ސޯލިހް ހިމަނުއްވާ ތަކެތި ބޭނުންކުރުން މަނާކުރާނެ ތާރީހެއް ކަނޑައަޅާފައި އޮންނަން ވާނެ ކަމަށް ވެސް މި ބިލުގައި ބަޔާން ކޮށްފައިވެއެވެ.

މި ބިލު ތަސްދީގުކޮށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް 17 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 12 ވަނަ މާއްދާ އުވުނީ ކަމުގައި ވެސް މި ބިލުގައި ކަނޑައަޅާފައި ވެއެވެ. މި ގާނޫނަށް 18 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ. މި ގާނޫނަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއު ކުރައްވާ ދުވަހުން ފެށިގެންނެވެ.