ހަރުކަށި ފިކުރާ ދެކޮޅަށް ވަކިވަކި މިނިސްޓްރީތައް އަހުލުވެރިކުރަން، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާ މޯލްޑިވްސް (އެންސީޓީސީ) އިން ފެށުމުން އުފާކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ "މުޅި ސަރުކާރާއި މުޅި މުޖުތަމައު ގުޅިގެން" މި ސިޔާސަތުގެ ދަށުން އެކުލަވާލި ނެޝަނަލް އެކްޝަން ޕްލޭން އަށް ވަކިވަކި މިނިސްޓްރީތައް އަހުލުވެރި ކުރަން، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާ މޯލްޑިވްސް (އެންސީޓީސީ) އިން ފެށުމުން އުފާކުރައްވާ ކަމަށެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެންސީޓީން، ނެޝަނަލް އެކްޝަން ޕްލޭނަށް ޕްރެވެންޓިން އެންޑް ކައުންޓަރިން ވައިލެންޓް އެކްސްޓްރިމިޒަމް (ޕީސީވީއީ) އާ ގުޅޭގޮތުން އެޖެންސީސް ތަކާއެކު މަޝްވަރާ ކުރުމާ ގުޅިގެންނެވެ.

އެ ބައްދަލުވުން ބާއްވާފައި ވަނީ ޔޫތު މިނިސްޓްރީގައި ކަމަށް އެންސީޓީސީން ވަނީ ބުނެފައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މެރިންސް އާ ގުޅިގެން، އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހިންގި ކައުންޓާ ޓެރަރިސްޓް ކްލޯސް ކުއާޓާ ބެޓަލް ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ، ނިރުބަވެރިކަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށާއި އެއަށް އިޖާބަ ދިނުމުގައި ސަރުކާރުން އެކުލަވާލައިފައި ވާ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގެ ދަށުން، ޒަރޫރީ ހާލަތެއްގައި، ލީތަލް ރެސްޕޮންސް ނުވަތަ ހަތިޔާރާ އެކީ ކުރިމަތިލުމުގެ ބާރު، އެމްއެންޑީއެފަށް ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ މުޅި ބައިނަލްއަގްވާމީ މުޖްތަމައު އަށް ވެސް އާންމު ވެފައިވާ ގޮންޖެހުމެއް ކަމަށް ވިދާޅުވެ، މިނިސްޓަރު މާރިޔާ ވަނީ، މި ގޮންޖެހުމާ ކުރިމަތިލުމުގައި ދޭދޭ ގައުމުތަކުން، މިހާރަށް ވުރެ ބޮޑަށް، އިންޓެލިޖަންސް ހިއްސާކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފައެވެ.