ސްކޮޓްލަންޑްގެ ލޮކަބީ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް، ޕޭން އޭމް ފްލައިޓް 103 ވައްޓާލި ހާދިސާގައި ބޭނުން ކުރި ބޮން ތައްޔާރު ކުރި ކަމަށް ތުހުމަތު ކުރާ ލީބިއާ މީހާގެ މައްޗަށް، 32 އަހަރުން ފަހުން ދައުވާ އުފުލައިފިއެވެ.
އެމެރިކާގެ ބަންޑާރަ ނައިބު ވިލިއަމް ބާ ވިދާޅުވީ، އަބޫ އަގީލާ މުހައްމަދު މައްސޫދުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމާ ގުޅުންހުރި ޖިނާއީ ކުށްތަކެއްގެ ދައުވާ ކަމަށެވެ.
ބޮއިންގް 747 މަރުކާގެ މަތިންދާ ބޯޓު ގޮއްވާ، ވައްޓާލި ހާދިސާގައި 270 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މަރުވި މީހުންގެ ތެރޭގައި އެމެރިކާގެ 190 ރައްޔިތުން ހިމެނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ދިގުދެމިގެން ދިޔަ ތަހުގީގުތަކަށް ފަހު މައްސޫދުގެ މައްޗަށް ކުރާ ދައުވާގެ ޝަރިއަތް ހިންގުމަށްޓަކައި، އޭނާ އެމެރިކާއަށް ގެންދިއުމަށް ޕްރޮސެކިއުޓަރުން މަސައްކަތް ކުރާނެއެވެ.
އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި މައްސޫދަކީ ލީބިއާގެ ޖާސޫސީ އޮޕަރޭޝަންގެ ބައިވެރިއެކެވެ. ލޮކަބީ މަތިން މަތިންދާ ބޯޓު ވައްޓާލީ، ލީބިއަގެ ކުރީގެ ލީޑަރު، ކާނަލް މުއައްމަރު ގައްޒާފީގެ އޯޑަރަކަށް ކަމަށްވެސް އެމެރިކާއިން ވަކާލާތު ކުރެއެވެ.
ބާ ވިދާޅުވީ ވަގުތާ ޖިއޮގްރަފީ ގޮތުން އޮތް ދުރުމިނަކީ، މި ހާދިސާއަށް އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓުމަކަށް ގެންނާނެ ކަމެއް ނޫން ކަމަށެވެ. ބާ އިތުރަށް ވިދާޅުވީ މައްސޫދުގެ މައްޗަށް ދައުވާ އުފުލުމަށް ކުރި ލިބުނީ، ލީބިއާގައި އޭނާ ހައްޔަރު ކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބުނު ހިސާބުން ކަމަށެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުން އެމެރިކާގެ ނިއުޔޯކަށް ދަތުރު ކުރަމުން ދަނިކޮށް، ޕޭން އޭމް ފްލައިޓް 103 ވައްޓާލި ހާދިސާއަކީ އަދާ ޖެހުނު އިރުވެސް އިނގިރޭސިވިލާތުގެ ތާރީހު ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެވެ. އަދި އެމެރިކާގެ ވައިގެ އުދުހުންތަކުގެ ތާރީހު ދުށް 2 ވަނައަށް އެންމެ ނުރައްކާތެރި ހާދިސާއެވެ.