ކޮވިޑުގެ ރަނގަބީލުގެ އަޑު ރާއްޖޭގައި މަޑުވި ނަމަވެސް ދުނިޔޭގައި އެއަޑު ދަނީ ގަދަވަމުން ކަމަށް ޓޫރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެވެ.

ދުވަހުން ދުވަހަށް ކޮވިޑު ކޭސްތައް ރާއްޖެއިން ފެންނަ މިންވަރު ދައްވަމުން ދާއިރު އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ވެފައިވަނީ 8 މީހުންނެވެ. އޭގެ ތެރެއިން މާލެއިން ޕޮޒިޓިވް ވެފައިވަނީ 4 މީހުންނެވެ.

އެކަމާ ގުޅިގެން މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔެ ސިއްސުވާލި ކޮވިޑުގެ ރަނގަބީލުގެ އަޑު ރާއްޖޭގައި މަޑުވާތީ އުފާކުރައްވައި މާތްﷲ އަށް ހަމްދުކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް ރަނގަބީލުގެ އަޑު އަދި ނުކެނޑޭ ކަމަށާއި ދުނިޔޭގައި އެއަޑު ދަނީ ގަދަވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެހެންވުމުން އެކަމަށް ސަމާލުވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖެއިން ކޮވިޑް ކޭސްތައް ފެންނަ މިންވަރު ދުވަހުން ދުވަހަށް މަދުވަމުން އަންނަ އިރު އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ވެސް އަންނަނީ ލުއިތައް ދެމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ކާފިއު އުވާލާފައި ވާއިރު އެޗްޕީއޭއިން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެ އެޖެންސީން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައެވެ. އެގޮތުން، އެއްފަހަރާ 15 މީހުންނަށް ވުރެ ގިނައިން ބޭރުގައި ނޫޅުމަށް އަންގާފައިވާ އެންގުން އެ އެޖެންސީން ވަނީ ބާތިލުކޮށްފައެވެ. ހަމައެއާއެކު އެ އެޖެންސީން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ކުޅިވަރު މުބާރާތްތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

މީގެ އިތުރުން ވެސް އެޗްޕީއޭއިން ވަނީ އިތުރު ލުއިތަކެއްވެސް ދީފައެވެ. އޭގެތެރޭގައި މުހިންމު މަސައްކަތެއްގައި ރަށްރަށަށް ދަތުރު ކުރާއިރު، ޕީސީއާރް ޓެސްޓު ހައްދަން ނުޖެހުމާއި، ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް 72 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓުގެ ނަތީޖާއާއެކު ރިސޯޓްތަކަށް ދަތުރު ކުރެވޭ ގޮތަށް ވަނީ އުސޫލު ބަދަލުކޮށްފައެވެ.

އަދި ކުރުމުއްދަތުގެ މަސައްކަތްތަކަށް ރިސޯޓުތަކަށް ދަތުރުކުރާ ފަރާތްތަކާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ފަރާތްތަކުން މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށަށް ދަތުރުކުރާ ނަމަ ކަޑައެޅިފައިވާ އުސޫލުގެ ދަށުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި މާލެ ސަރަހައްދުން ރަށްރަށަށް ދިއުމާއި، ރާއްޖެއިން ބޭރުން އައިސް ރަށްރަށަށް ދިއުމުގައި ވެސް 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށް އެ އެޖެންސީން ބުނެފައި ވެއެވެ.