ގައުމުތަކުން ހިންގާ ސިއްހީ އަދި ވެކްސިން މަޝްރޫއުތަކަކީ، އެ ބައެއްގެ ގާނޫނީ ހައިސިއްޔަތަށް ބެލުމެއް ނެތި، އެ ގައުމުގައި ދިރިއުޅޭ ހިޖުރަވެރިންނަށްވެސް ހިދުމަތް ކަށަވަރުވާ މަޝްރޫއުތަކަކަށް ހެދުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލައްވައިފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅަކީ، ހުޖުރަވެރިންނަށް ގައުމުތައް ބަރޯސާވެފައި އޮތް މިންވަރު އަންގައިދިން ކަމެއް ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. އެހެން ނޫންނަމަ، މި ހިޖުރަވެރިންނަކީ މުޖުތަމައު ތެރޭގައި އުޅޭ "ނުފެންނަ" ބައެއް ކަންވެސް ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ލޮކްޑައުންގެ ހަރުކަށި ތަންފީޒު ކުރަން ފެށުމާއެކު، ފްރަންޓްލައިންގައިވެސް ހިދުމަތް ކުރުމަށް ނިކުތީ ހިޖުރަވެރި ބިދޭސީންކަން ގުޓެރޭޒް ފާހަގަ ކުރެއްވިއެވެ. އެގޮތުން ގޭގެއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ހިޖުރަވެރިން ކުރި މުސައްކަތް، ގުޓެރޭޒް ވަނީ ވަކިން ފާހަގަ ކުރައްވާފައެވެ.

ގައުމުގައި އުޅޭ ހިޖުރަވެރިންނަކީ ގާނޫނީ އިމުން ބޭރުގައި ތިބި ބައެއް ކަމުގައި ވީ ނަމަވެސް، މާނައީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަމުގައި ވީ ނަމަވެސް، ކޮވިޑް-19ގެ އިޖާބައިގެ ޕްލޭންތަކުގައި އެ ހިޖުރަވެރިން ހިމެނޭ ކަން ކަށަވަރު ކުރުމަށް ގުޓެރޭޒް ވަނީ ގޮވާލައްވާފައެވެ.

ގައުމުތަކުގައި ދިރިއުޅޭ ހިޖުރަވެރިންނާ މެދު އަބުރުވެރި އުސޫލުކަން އަމަލުތައް ބެހެއްޓުމަށް، އިންސާނީ ހައްގުތަކަށް ވާކާލާތު ކުރާ އދގެ މިނިވަން ތަޖުރިބާކާރުންވެސް ވަނީ ގޮވާލައްވާފައެވެ.

އދއިން މިފަދަ ރޫހެއްގައި ވާހަކާ ދައްކާފައި ވާއިރު، އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓުގައި ހިމަނާ ސިންގަޕޫރުގައި ދިރިއުޅޭ ހިޖުރަވެރި މަސައްކަތްތެރިންގެ ތެރެއިން ދެ ބައިކުޅަ އެއް ބައި ހާ މީހުންނަށް ކޮވިޑް-19 ޖެހިފައި ވާ ކަން ވަނީ ހާމަވެފައެވެ.