ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބެއް ގެނުވައިދޭ 5ޖީ ނެޓްވޯކް އުރީދޫ މޯލްޑިވްސް އިން މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފް ކޮށްފިއެވެ.
އުރީދޫން ބުނީ 5ޖީ ނެޓްވާކް އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި އުރީދޫން 5ޖީ ހޯމް ބްރޯޑްބޭންޑް އެއާފައިބާ 10 ގުނަ އިތުރު ސްޕީޑާއެކު މުޅިން އަލަށް ރާއްޖެއަށް ތައާރަފް ކޮށްފައި ވާ ކަމަށެވެ.
އުރީދޫން 5ޖީ ގެ ހިދުމަތް ތައާރަފް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ހިދުމަތް ލޯންޗު ކޮށްދެެއްވީ ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އަދި ރާއްޖޭގެ ފުރަތަމަ 5ގީ ޕަވާޑް ހޯމް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފް ކޮށްދެއްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫފެ ސީއީއޯ އަދި އެމްޑީ ނަޖީބް ހާން ވިދާޅުވީ މި ހިދުމަތް ރާއްޖެއަށް ތައާރަފް ކުރެވުމާއެކު މި ފެށެނީ ރާއްޖޭގެ ޑިޖިޓަލް ތާރީހުގެ އާ ބާބެއް ކަމަށެވެ. އަދި މިއީ ކޮންމެ ދާއިރާއެއްގެ މަސައްކަތް ތަކަށް ހެޔޮ ބަދަލެއް ގެނެސްދޭނެ އާ ޓެކްނޮލޮޖީއެއް ކަމަށް ނަޖީބް ވިދާޅުވިއެވެ.
މިނިސްޓަރު މަލީހުގެ ވާހަކަގައި ވަނީ ރާއްޖެއަށް 5ޖީ ތައާރަފް ކުރުން ވެގެން ދާނީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާވެގެން ދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ މި ގައުމުގެ ކުރިއެރުމަށް މުހިއްމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އުރީދޫން ބުނީ 5ޖީޓެ ޓެކްނޮލޮޖީ އާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަވެގެންވާނެ ކަމަށެވެ. އަދި މި ކުރިއެރުމާއި އެކު ޑްރައިވަރުންނާއި ނުލާ ދުވާ ކާރު، އުދުހޭ ޓެކްސީ، އަދި ޑްރޯން މެދުވެރިކޮށް ތަކެތި ޑެލިވާ ކުރުން ފަދަ އީޖާދީ ހިދުމަތްތަކާއި އިންޓަނެޓް ކަނެކްޓިވިޓީ އާއި އައިއޯޓީ ތަޖުރިބާ ކުރާ ގޮތް މުޅިން ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަން އުރީދޫން ވަނީ ދީފައެވެ.
ޕްރީޕެއިޑް އާއި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ވެސް 5ޖީ ފޯރުކޮށްދޭއިރު، މާލޭގެ ބޮޑު ސަރަހައްދަކުން 5ޖީ ޑިވައިސްތައް މެދުވެރިކޮށް މިހިދުމަތް ލިބިގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
އުރީދޫ އާއި މުޅި ދުނިޔެއަށް ވެސް އިންގިލާބެއް ގެނެސްދިން 5ޖީ ނެޓްވާކް މުޅިން އަލަށް ގަތަރުގައި ތައާރަފް ކުރެވުނީ 2018ގައެވެ.