ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު، ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު، ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރަނީ ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ޓްރަފްގެ ސަބަބުން ކަމަށެވެ. ހަމައެއާއެކު ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް އާންމުވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކުރެއެވެ

އެހެންކަމުން، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެދާނެ ކަމަށް ލަފާ ކުރެވޭތީ، އާންމުކޮށް ފެންބޮޑުވާ ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކޮށްފައި ވެއެވެ.

ކުރިއަށް އޮތް 48 ގަޑިއިރު މޫސުން ގޯސް ވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައި ވާއިރު، އެ އޮފީހުން ކޮންމެ ދުވަހަކު ނެރޭ މޫސުމާ ބެހޭ ރިޕޯޓުން ދައްކާ ގޮތުން މިއަދު މެންދުރު ފަހުން ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް ލަފާ ކޮށްފައި ވާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ.

ހަމައެއާއެކު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓުގެ އުސްމިނަކަށް އުފުލޭނެ ކަމަށް ލަފާ ކޮށްފައި ވާއިރު، ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން އުފުލޭނީ 2 ފޫޓާއި 5 ފޫޓުގެ އުސްމިނަކަށް ކަމަށް މެޓް އޮފީހުން ބުނެއެވެ.

ވައި ޖެހޭ ގޮތަށް ބަލާލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. މެޓް އޮފީހުން ބުނީ ވިލާ ގަނޑުގައި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށެވެ.