އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ ކްރިސްޓަލް ޕެލަސް ވާދަކުރި މެޗު 7-0 އެއްގެ ބޮޑު ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި އެކަނި ވެސް ލިވަޕޫލުން ތިން ލަނޑު ޖެހިއެވެ. އެގޮތުން، މެޗުގެ ތިން ވަނަ މިނެޓްގައި އެޓީމަށް ލީޑު ނަގާ ދިނީ ޖަޕާނުގެ މިޑްފީލްޑަރު ޓަކޫމީ މިނަމީނޯއެވެ.

ފުރަތަމަ ހާފްގައި ޕެލަސްއިން ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް އުފެއްދި ނަމަވެސް ދެން ވެސް ލަނޑު ޖަހާ ލީޑު ފުޅާ ކުރީ ލިވަޕޫލުންނެވެ. މެޗުގެ 35 ވަނަ މިނެޓްގައި ލަނޑު ޖަހާ ނަތީޖާ 2-0 އަކަށް ހެދީ ސާޑިއޯ މާނޭއެވެ. ލިވަޕޫލުގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބްރެޒިލްގެ ފޯވަޑް ރޮބާޓޯ ފަމީނޯއެވެ.

މެޗުގެ ދެވަނަ ހާފްގައި މުޅިހެން ކުޅުނީ ލިވަޕޫލުންނެވެ. މިގޮތުން އެހާފްގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ޖަހާފައެވެ. ފަމީނޯ އިތުރު ލަނޑެއް ޖެހި އިރު ކެޕްޓަން ޖޯޑަން ހެންޑަސަން ވެސް ވަނީ ލަނޑެ ޖަހާފައެވެ. އަދި މެޗު ފެށި އިރު ބެންޗުގައި އިން މުހައްމަދު ސަލާހް ވަނީ ފަހު ހާފްގައި އަރާ ލިވަޕޫލަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މޮޅާއެކު ލިވަޕޫލް މިވަނީ ތާވަލުގެ އެއްވަނައިގައި އޮތް ލީޑު ހަ ޕޮއިންޓަށް ފުޅާކޮށްފައެވެ.