މިއަދު މިދެކޭ އުމްރާނީ ތަރައްޤީގެ އެންމެ ޅަފަތުގެ ދުވަސްވަރުގައި އުފެދިގެން އައި ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އަކީ އާއްމު ހިއްސާދާރުންނާއި ސަރުކާރުގެ ބައިވެރިވުން އޮވެގެން ރާއްޖޭގައި އުފެދުނު ކުންފުނިތަކުގެ ތެރެއިން މިވަގުތު ރާއްޖޭގައި އޮތް އެންމެ ޒަމާންވީ ކުންފުންޏެވެ.
މީގެ 40 އަހަރު ކުރިން، ޑިސެމްބަރު 18، 1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީ ވެގެން ދިޔައީ އުމްރާނީ ތަރައްގީގެ އާ ބާބަކަށް އެދިއެދި ތިބި އެތަކެއް ދިވެހި ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަޖައްސައިދިން ކުންފުންޏަކަށެވެ. މުޅި ރާއްޖެ ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމަކުން ލުއި ފަސޭހަކަން ހޯދުމަށް ބޭނުންވެފަ ތިބި އެތަކެއް އާއިލާތަކަކަށް ހިނިތުންވުން ގެނެސްދިން ކުންފުންޏަކަށެވެ.
އެންމެ މިޒަމާނުގެ އިންޖީނާއި އަޑީތެލުގެ ޒަރީއާއިން ކާންބޯން ކުރާ މަސައްކަތަށް އާ ދިރުމެއް ގެންނަން ބޭނުންވެފަތިބި އެތަކެއް މަސްވެރިންނާއި އޮޑިވެރިންގެ އިންތިޒާރަށް ނިމުން ގެނެސްދިން ކުންފުންޏަކަށެވެ. އެމްޓީސީސީ ރައްޔިތުންގެ ހިދުމަތުގައި، ކުންފުނި ހިންގުމާބެހޭ އަމަލީ މަސައްކަތް ފަށައިގަތީ ޖެނުއަރީ 3، 1981 ގައެވެ. ކުންފުނީގެ ރައުސްމާލަކަށް ފުރަތަމަ ކަނޑައެޅުނީ 10 މިލިއަން ރުފިޔާއެވެ. އަދި ހިއްސާއެއްގެ މޫނުމަތީ އަގަކީ 50 ރުފިޔާ ކަމަށާއި އެކަކަށް ފުރަތަމަ ކުންފުނީގައި ބައިވެރިވެވޭނެ އެންމެ މަތީ މިންވަރަކީ 100 ހިއްސާކަމަށް ކަނޑައެޅުނެވެ.
އެމްޓީސީސީ އުފެއްދުމުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ އާއްމު ރައްޔިތުންނަށް ތަނަވަސްކަން އިތުރުކޮށްދިނުމުގެ ގޮތުން، ކަނޑާއި ވަޔާ، އެއްގަމުގައި ދަތުރުފަތުރު ކުރުމާބެހޭ ކަންތައް ހިންގައި ކުރިއެރުވުމާއި، އޮޑިދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ މަސައްކަތް ކުރުމާއި އެކަންކަން ކުރިއެރުވުމާއި، ޢިމާރާތްކުރުމާއި، އިންޖިނިއަރިންގެ މަސައްކަތާއި، ބަނދަރުގެ ހިދުމަތްތަކާއި، މުދަލާއި ތަކެތި ގެނެސް ގެންދިޔުމުގެ ހިދުމަތްތައް ކުރުމާއި މިކަންކަން ކުރިއެރުވުމެވެ. އަދި ޓޫރިޒަމާއި މިނޫންވެސް ފައިދާހުރި މަސައްކަތްތައް ކުރުމާއި މިކަންކަން ކުރިއެރުވުމެވެ.
އެމްޓީސީސީ އުފެދިގެން އައިއިރު ކުންފުނިން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ބޯޓުފަހަރުން މުދާއަރުވާ ބޭލުމާއި، އެޖެންޓްކަން ކޮށްދިނުމާއި، އެއްގަމާއި ކަނޑުދަތުރުފަތުރު ކޮށް ދިނުމާއި، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމާއި، ވަޑާމުގެ މަސައްކަތް ތަކެވެ. ކުންފުނި އުފެދުނު އިރު ސަރުކާރުގެ އެކި ޑިޕާޓްމަންޓްތަކާއި ސެކްޝަންތަކުން ކުރަމުން ގެންދިޔަ އެފަދަ ގިނަ މަސައްކަތްތަކެއް އެމްޓީސީސީއާ ހަވާލު ކުރެވުނެވެ.
މިގޮތުން ކުންފުނީގެ ފުރަތަމަ އަހަރުގެ ތެރޭގައި ހަވާލުކުރެވުނު ތަންތަނުގެ ތެރޭގައި ސަރުކާރުގެ މެރިން ޑިވިޒަނާއި އެމްޖީ ސޯމިލް އަދި މެކޭނިކަލް ޓްރާންސްޕޯޓް އެންޑް ސާވިސަސް ޑިވިޒަން ހިމެނެއެވެ. އޭރު މި މަސައްކަތްތައް ކުރެވުނީ އާދައިގެ ފެންވަރެއްގައެވެ. ނަމަވެސް ކުންފުނީގެ ދުވެލި ދިޔައީ އަހަރަކަށް ވުރެ އަހަރެއް ހަލުވި ވަމުންނެވެ. މިގޮތުން، މިވޭތުވެދިޔަ 40 އަހަރު ދުވަހުގެތެރޭ އެމްޓީސީސީއަށް ހާސިލު ކުރެވުނު ކާމިޔާބީ ތަކަކީ ފަހުރުވެރިވުން ހައްގު ކާމިޔާބީ ތަކެކެވެ.
މިގޮތުން އެންމެ ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ އެއް ދާއިރާއަކީ އިމާރާތް ކުރުމާއި އުމްރާނީ ތަރައްގީގެ ދާއިރާއެވެ. ކުންފުނި އުފެދުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތަކާއި މިސްކިތްތަކާއި، ރަށު އޮފީސްތަކާއި ހޮސްޕިޓަލްތައް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރިއެވެ. އަދި 1995 ވަނަ އަހަރު މަދު އެކްސްކަވޭޓަރު ކޮޅަކާއެކު ފަޅުކޮނެ ބިންހިއްކުމުގެ ފުރަތަމަ މަޝްރޫއު އެމްޓީސީސީން ނިންމާލިއެވެ.
މިއަދު އެމްޓީސީސީއަކީ ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ އެތައް މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ހިންގަމުންގެންދާ ކުންފުންޏެކެވެ. އަދި ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އިކުއިޕްމަންޓް ފްލީޓަކީ އެމްޓީސީސީގެ އިކުއިޕްމަންޓް ފްލީޓެވެ. ކުންފުނީގެ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތްތަކަށް އިތުރު އާރޯކަމެއް ލިބިގެންދިޔައީ 2017 ވަނަ އަހަރު މަހާ ޖައްރާފު ކުންފުނީގެ ޑްރެޖިންގް ފްލީޓްގެ ތެރެއަށް އިތުރުވުމާއެކުއެވެ.
މަހާ ޖައްރާފް އެމްޓިސީސީގެ ފްލީޓްގައި ހިމެނުމާއެކު އެމްޓީސީސީ ވަނީ މި ސަރަހައްދުގައި، ޑްރެޖިންގް ދާއިރާގެ އެންމެ ކުރީ ސަފުގައި ހިމެނޭ އެއް ކުންފުންޏަށް ވެފައެވެ. މަހާޖައްރާފުގެ އިތުރުން އެމްޓީސީސީގެ ޑްރެޖިންގް ފްލީޓްގައި އައިއެޗްސީ 1800ގެ ކަޓާ ސަކްޝަން ޑްރެޖަރަކާއި އައިއެޗްސީ 1600ގެ ކަޓާ ސަކްޝަން ޑްރެޖަރެއް ހިމެނެއެވެ.
އެމްޓީސީސީގެ މި ޑްރެޖިންގް ފްލީޓާއިއެކު ކުންފުންޏަށް ވަނީ ފަޅުފުންކުރުމާއި ބިންހިއްކުމުގެ މަޝްރޫތައް ކްލައިންޓުން ބޭނުންވާ ކޮލިޓީގައި ކާމިޔާބުކަމާއެކު ނިންމުމުގެ ގާބިލުކަން ލިބިފައެވެ. އެމްޓީސީސީން މަސައްކަތްތައް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި މިންގަނޑުތަކަކީ ބައިނަލްއަގްވާމީ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތް ވާ ގޮތުގެ މަތިން ކަނޑައަޅާ، ބޭނުން ކުރަމުން ދާ އުސޫލުތަކަކާއި މިންގަނޑުތަކެކެވެ.
ބަނދަރު ހެދުމާއި ބިންހިއްކުމުގެ މަޝްރޫތަކުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ޝީޓް ޕައިލިންގް، ނަރުދަމާ އެޅުމުގެ މަސައްކަތާއި ސާވޭ ކުރުމުގެ މަސައްކަތަކީ ވެސް އެމްޓީސީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެވެ. އާ ޓެކްނޮލޮޖީ އާއި މެޝިނަރީގެ ޒަރީއާއިން ހައްލު ހޯދުމުގައި ކުންފުނި ކުރިއަރާ ދިޔަވަރަކަށް އެމްޓީސީސީން ހިންގަމުން ގެންދިޔަ މަޝްރޫތަކުގެ ބާވަތަށްވެސް ދިޔައީ ބަދަލު އަންނަމުންނެވެ.
އެގޮތުން ވޭތުވެދިޔަ ފަސް އަހަރުތެރޭގައި، މަގު ހެދުމާއި ތާރު އެޅުމާއި އެއާރޕޯޓް ތަރައްގީ ކުރުމުގެ ގިނަ މަޝްރޫތަކެއް އެމްޓީސީސީން ކާމިޔާބު ކަމާއެކު ވަނީ ނިންމާލާފައެވެ. އަދި މިއަދު އެމްޓީސީސީއަކީ އެއްފަހަރާ އުމްރާނީ ތަރައްގީގެ 40 މަޝްރޫއެގައި އެއްވަގުތެއްގައި މަސަތްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ. އަދި 1995 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އުމްރާނީ ތަރައްގީގެ 491 މަޝްރޫއު ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.
ދަތުރުފަތުރުގެ ހިދުމަތަކީވެސް ކުންފުނީގެ ކާމިޔާބީގެ ދުވެލީގެ އަވަސްމިން ވަޒަންކުރެވޭ އެއް ހިދުމަތެވެ. ކުންފުނިން އެންމެ ފުރަތަމަ ފޯރުކޮށްދޭން ފެށި ހިދުމަތްތަކުގެ ތެރޭގައި ކަނޑުދަތުރުފަތުރުގެ ހިދުމަތް ހިމެނެއެވެ. ސަރުކާރުގެ މެރިން ޑިވިޒަން 1981 ވަނައަހަރު ހަވާލު ކުރެވުމާއެކު ލޯންޗު ދަތުރުގެ ހިދުމަތް ވިޔަފާރީގެ އުސޫލުން ކުންފުނީގެ ފުރަތަމަ އަހަރުގައިވެސް ފޯރުކޮށްދެމުން ގެންދެވުނެވެ.
މިހާރު އެމްޓީސީސީން ފޯރުކޮށްދެމުން ގެންދާ އާންމު ކަނޑުދަތުރުފަތުރުގެ ހިދުމަތް ފެށުނީ 2001 ވަނަ އަހަރު މާލެ އާއި ވިލިގިއްޔާ ދެމެދު ފެރީގެ ހިދުމަތް ތައާރަފު ކުރެވުނު ހިސާބުންނެވެ. މި ހިދުމަތް ފުޅާވެ، މިހާރު އެމްޓީސީސީއަކީ ތަނަވަސް ޓާމިނަލްތައް މެދުވެރިކޮށް ޝެޑިއުލް ފެރީގެ ހިދުމަތްތައް ގްރޭޓާ މާލެ ސަރަހައްދުގައި ދެމުންގެންދާ ކުންފުންޏެކެވެ. އަދި 6 ޒޯނަކަށް ބަހާލައިގެން، ރާއްޖޭގެ 18 އަތޮޅަކަށް އިތުބާރު ހުރި ފެރީގެ ހިދުމަތް ކުންފުންނިން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ފަހުގެ އަހަރުތަކުގައި ތައާރަފު ކުރެވުނު ޕްރިމިއަމް އަދި އެކްސްޕްރެސް ހިދުމަތުގެ ސަބަބުން އާއްމު ފެރީތަކަށް ވުރެ އަވަސް އަދި ތަނަވަސް ހިދުމަތްތަކެއް ހިޔާރުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެން ދިޔައެވެ.
ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ބޮޑުބައެއް ގުޅުވާލަދޭ އެމްޓީސީސީގެ ފެރީ ލިންކުގެ ހިދުމަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ރައްޔިތުން، އެކި ބޭނުންތަކަށް ދަތުރުކުރުމަށާއި އެއްތަނުން އަނެއްތަނަށް މުދާ ފޮނުވުމަށް ކުރިއާލާ ރާވާ، އެކަން ކުރުމުގެ ފުރުސަތު ލިއްބައިދޭ ހިދުމަތެކެވެ.
އެއްގަމު ދަތުރު ތަކަށް ބަލާއިރު، ހުޅުމާލޭގައާއި ހުޅުމާލެއާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި ދެމެދު މެޓްރޯ ބަހުގެ ހިދުމަތާއި ޝަޓްލް ބަހުގެ ހިދުމަތް އެމްޓީސީސީން ފޯރުކޮށްދެއެވެ. އަދި މާލެ، ހުޅުމާލެ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައާއި އެދެމެދު ދަތުރުކުރުމަށް "ޕްރައިވެޓް ހަޔާ" ގެ ނަމުގައި އެމްޓީސީސީން، ކާރު، ވޭނު އަދި ބަސް ކުއްޔަށް ހިފުމުގެ ފުރުސަތު އާއްމުންނަށް ފަހުގެ އަހަރުތަކުގައި ވަނީ ހުޅުވާލާފައެވެ.
މިއަދު އެމްޓީސީސީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏެވެ. މިހާރު ދުވާލަކު ފަނަރަހާސް މީހުން އެމްޓީސީސީގެ ދަތުރުފަތުރުގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން ގެންދެއެވެ. އަދި މުޅި ރާއްޖޭގައި ކުންފުނިން ގާއިމް ކޮށްފައި ވާ ކަނޑު ދަތުރުފަތުރުގެ ނިޒާމާއި ގްރޭޓާ މާލެ ސަރަހައްދުގައި ދެވޭ އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތުގައި އަހަރަކު 6 މިލިއަން ފަސިންޖަރުން މިހާރު ދަތުރުކުރެއެވެ.
ރާއްޖޭގެ މަސްވެރިންނާއި އޮޑިވެރިން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް އިންގިލާބީ ބަދަލެއް އައީ އެމްޓީސީސީން އާންމު ވިޔަފާރީގެ ދާއިރާއަށް ނިކުތް ހިސާބުންނެވެ. އެމްޓީސީސީގެ އާންމު ވިޔަފާރި ފެށިފައިވަނީ ކުންފުނި އުފެދުނު ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް ފެށުނު އޮޑިދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަސައްކަތުގެ ތެރެއިންނެވެ.
މި މަސައްކަތް ރާއްޖެއަށް ތައާރަފުވީ 1974 ވަނަ އަހަރު ޔަންމާ އިންޖީނު ރާއްޖެއަށް ތައާރަފުވި ހިސާބުންނެވެ. އެމްޓީސީސީ އުފެދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މުހިންމު މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރިއެވެ. އޮޑިވެރިންނަށް ފަސޭހައިން އިންޖީނު ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާއި އިންޖީނު މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމްކުރުމުގެ މަސައްކަތްތައް މިއާއެކު ފެށިގެން ދިޔައެވެ. އަދި އިންޖީނުތަކަށް ބޭނުންވާ ސްޕެއާޕާޓްސް އާއި ކަނޑުގައި ދުއްވާ އުޅަނދުތަކަށް ބޭނުންވާ އަޑީތެލާއި އެފަދަ އެހެން ތަކެތި ރާއްޖެއިން ފަސޭހައިން ލިބެން ހުރުމުގެ މުހިންމުކަން ފާހަގަކޮށް، އެމްޓީސީސީއިން އެފަދަ ތަކެތި ލިބޭނޭ އިންތިޒާމް ހަމަޖެއްސިއެވެ.
ހެޔޮ އަގުގައި މިފަދަ ތަކެތި ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެމްޓީސީސީއަކީ، ރާއްޖޭގެ ޔަންމާ އިންޖީނުގެ ޑިސްޓްރިބިއުޓާގެ ގޮތުގައި 1987 ވަނަ އަހަރު ކަނޑައެޅުނެވެ. އަދި 1994 ވަނަ އަހަރު ކާސްޓްރޯލްގެ ރާއްޖޭގެ އެޖެންޓުގެ ގޮތުގައި އެމްޓީސީސީ ކަނޑައަޅާ، 2007 ވަނަ އަހަރު ސުޒުކީ އާޓްބޯޑް އިންޖީން ރާއްޖޭގެ ބާޒާރަށް ތައާރަފު ކުރެވުނެވެ.
މިއަދު އެމްޓީސީސީގެ އާންމު ވިޔަފާރީގެ ތެރޭގައި ދުނިޔޭގައި ނަން މަޝްހޫރު ބްރޭންޑްތަކުގެ ގިނަ ބާވަތްތަކެއް ހިމެނެއެވެ. ކުންފުނީގެ އާންމު ވިޔަފާރީގެ މައި މަރުކަޒަކީ ހ.ސޯމިލުގައި ހުންނަ ކަށަވަރު ޝޯރޫމެވެ. އެމްޓީސީސީގެ ޕްރޮޑަކްޓްތަކާއި ބްރޭންޑްތަކަކީ، ދިވެހިންގެ އިތުބާރު ލިބި ރާއްޖޭގެ މާކެޓްގައި މުހިންމު ދައުރެއް އަދާކުރާ ޕްރޮޑަކްޓް ތަކަކާއި ބްރޭންޑްތަކެކެވެ.
މިހާރުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ގައި ހިމެނޭ ބްރޭންޑްތަކުގެ ތެރޭގައި ޔަންމާ، ސުޒުކީ، ކާސްޓްރޯލް، ޕީޕީޖީ، އަދި ސްކޮޓް ބާޑާ ހިމެނެއެވެ. މީގެ އިތުރުން މެރޯލް ސްޓިއަރިންގް ސިސްޓަމްސް އަދި ޑޮނަލްޑްސަން ބްރޭންޑްގެ ފިލްޓަރު ހިމެނެއެވެ. އެމްޓީސީސީގެ ޕްރޮޑަކްޓް ތަކާއެކު އެންމެ ފުރިހަމަ ކަސްޓަމާ ސާވިސް އާއި ހުނަރުވެރި އިންޖިނިއަރުންނާއި ޓެކްނީޝަނުން ބޭނުންކޮށް އާފްޓާ ސޭލްސް ސާވިސް ފޯރުކޮށްދެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އެމްޓީސީސީން ވަނީ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް އިތުރު ކޮށްފައެވެ. މިގޮތުން ކުންފުނީގެ އުޅަނދުތައް މަރާމާތު ކުރުމަށް ފަށައިގެން އިންޖިންނިއަރިންގް އާއި ޑޮކިންގް ގެ ހިދުމަތް މިހާރު ވަނީ އާއްމު ފަރާތްތަކަށް ހުޅުވާލާފައެވެ.
މާލެއަތޮޅު ތިލަފުށީގައި ގާއިމުކޮށް ހިންގަމުންގެންދާ ބޯޓުޔާޑަކީ އެއްފަހަރާ 20 އުޅަނދަށް ހިދުމަތް ދިނުމުގެ ޖާގައޮތް ބޯޓުޔާޑެކެވެ. 2017 ވަނަ އަހަރު އާ ބޯޓު ހޮއިސްޓް އިފްތިތާހުކޮށް މާކެޓަށް ޑޮކްޔާޑުގެ ހިދުމަތް ހުޅުވާލެވުނެވެ. 200 ޓަނުގެ މި ބޯޓު ހޮއިސްޓުން ޑޮކިންގް ހިދުމަތާއެކު ތަފާތު ގިނަ ހިދުމަތްތައް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި ވެލްޑިންގް، މެޓަލް ފެބްރިކޭޝަން، މެރިން އިންޖިއަނިއަރިންގް، އިލެކްޓްރިކަލް މަސައްކަތް، މެޝިނިންގް، ފައިބަރުގެ މަސައްކަތް އަދި ވަޑާމުގެ މަސައްކަތް ހިމެނެއެވެ. އަދި ފެނު އަޑީގެ ވެލްޑިންގްއާއި ކަޓިންގެ ހިދުމަތް 2018 ގައި ތައާރަފުކުރެވި ވޯޓާ ބްލާސްޓިންގް އާއި ފޮރިކަހައިދިނުމުގެ ހިދުމަތް 2019 ގައި ތައާރަފު ކުރެވުނެވެ.
އެމްޓީސީސީގެ 40 އަހަރުގެ ދިގު ދަތުރުގައި ކުންފުނި ފާހަގަ ކުރެވިފައި ވަނީ އިޖުތިމާއީ ޒިންމާ ފުރިހަމައަށް އަދާކުރާ ކުންފުންޏެއް ގޮތުގައެވެ. ކުންފުނިން ކުރިއަށް ގެންދާ މަޝްރޫތަކާއި ނިންމާ ނިންމުންތަކުގައި އިޖުތިމާއީ ޒިންމާ މުހިއްމު ދައުރެއް އަދާކުރެއެވެ. ކުންފުނީގެ ތަސައްވުރާއި ކުންފުނިން އަގު ވަޒަންކުރާ ކަންކަމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެމްޓީސީސީން ހިންގާ ވިޔަފާރީގެ ހަރަކާތްތައް މެދުވެރިކޮށް ކުންފުނީގެ އިޖުތިމާއީ ޒިންމާ ތަންފީޒުކުރަމުން ގެންދެވެއެވެ.
މީގެ މަގްސަދަކީ އިގްތިސޯދީ ނަފާ ފޯރުކޮށްދީ، ހަމަޖެހުން ބޮޑު ދެމެހެއްޓެނިވި މުޖުތަމައުއެއް ބިނާކުރުމަށް ހިއްސާކުރުމެވެ. ރައްޔިތުންނާއި ލޯކަލް ކައުންސިލްތަކާއި ރާއްޖޭއާއި ރާއްޖެއިން ބޭރުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތައް މެދުވެރިކޮށް ދޭ އެހީތަކަކީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުންދެވޭ އެހީތަކެވެ. ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި އެމްޓީސީސީގެ އެހީތެރިކަން ފޯރުކޮށްދެވުނު ދާއިރާތަކުގެ ތެރޭގައި ސިއްހަތާއި ދުޅަހެޔޮކަން، ކުޅިވަރާއި ސަގާފަތް، އަދި އަންހެނުން ބާރުވެރިކުރުމާއި ތައުލީމީ ދާއިރާ ހިމެނެއެވެ.
އެމްޓީސީސީން ގަބޫލުކުރާ ގޮތުގައި ކުންފުނީގެ ރައުސްމާލަކީ ކުންފުނީގެ މުއައްޒަފުންނެވެ. ވޭތުވެދިޔަ 40 އަހަރު ކުންފުންޏަށް ހާސިލުކުރެވުނު ކާމިޔާބީގެ އަސްލަކީ ފަންނުވެރި، އިހުލާސްތެރި، ގާބިލު "ޓީމް އެމްޓީސީސީ" ގެ މިންނެތް ބުރަ މަސައްކަތެވެ. ކުންފުނީގެ މެނޭޖްމަންޓްގެ އަމާޒަކީ ކުންފުނީގެ މުއައްޒަފުންނަކީ ގިނަ ދުވަހު ވަޒީފާގައި ދެމިތިބޭ، ކުންފުންޏަށް އެ މުއައްޒަފުންގެ ފަރާތުން ދިގު ރާސްތާގައި ފައިދާތަކެއް ލިބޭބަޔަކަށް ހެދުމެވެ.
މިގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރުމަކީ ކުންފުނިން ނިންމި ފާހަގަ ކޮށްލެވޭފަދަ ނިންމުމެކެވެ. އެމްޓީސީސީގެ މިނިންމުމުގެ ސަބަބުން ބިދޭސީ ފަޅުވެރިންގެ މުސާރައިގެ ގޮތުގައި ދިވެހި ރާއްޖޭއިން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓި، ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ފަހިވެ މިކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނެއެވެ.
މީގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި ވަނީ މުވައްޒަފުންނަށް ތަފާތު ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައި ދީފައެވެ. މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމަށް އުފައްދާފައިވާ ކްލަބް އެމްޓީސީސީ އަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ގާތްކަން އުފައްދާ ތަރައްގީކުރުމަށް ގާއިމްކުރެވިފައިވާ ވަސީލަތެކެވެ.
އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން، (އައިއެސްއޯ)ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ކަމަށްވާ އައިއެސްއޯ 2015:9001 ސެޓްފިކެޓް ކުންފުނިން ހާސިލުކުރީ 2020 ވަނަ އަހަރުތެރޭގައެވެ. އެމްޓީސީސީއަކީ އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސާޓިފައިކޮށްފައިވާ ދިވެހި މަދު ކުންފުނިތަކުގެ ތެރެއިން، ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސާޓިފައިކުރެވުނު ކުންފުންޏެކެވެ. އަދި އެމްޓީސީސީގެ ދިގު ތާރީހުގައި މިހާތަނަށް އަހަރެއްގެ 3 ވަނަ ކުއާޓަރާއި ހަމައަށް ހޯދުނު އެންމެ ރަނގަޅު މާލީ ނަތީޖާ ހޯދުނީވެސް މިއަހަރުގެ ތެރޭގައެވެ.
އެމްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިޔުމެވެ. ކަސްޓަމަރުންނާއި ހިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއި އާއްމު ރައްޔިތުން، ވޭތުވެދިޔަ 40 އަހަރު ދެގޮތެއްނުވެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމެވެ. އެމްޓީސީސީ 40 އަހަރު ދެއްކި ނަތީޖާއަށް ބަލާއިރު މިއިން ކޮންމެ އަމާޒަކަށް ވާސިލުވުމަށް ބޭނުންވާ ވަސީލަތްތައް ކުންފުނީގައި އެބަހުއްޓެވެ. ކަސްޓަމަރުންނަށް ހައްލުތައް ހޯދައިދިނުމަށް މަސައްކަތްކުރުމަށް ތައްޔާރަށް ތިބި، ގާބިލު، ފަންނުވެރި މުއައްޒަފުން އެކުލެވޭ ޓީމެއް އެބައޮތެވެ. ރައްޔިތުންގެ ކުންފުނި ރައްޔިތުންގެ ހިދުމަތުގައި ކާމިޔާބު 40 އަހަރު ވޭތުކުރި ބީދައިން، ކުރިއަށް އޮތްތަނުގައިވެސް ގައުމު ބިނާކުރުމުގައި އެމްޓީސީސީ، އާ އުސްމިންތަކަކަށް ވާސިލުވާނެ ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.