މި އަހަރު ރާއްޖެއަށް ގެންނަން އަމާޒުކުރި، ފަސް ލައްކަ ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ފަސް ލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައި ވަނީ އެމިރޭޓްސްގެ ފްލައިޓެއްގައެވެ. ފަސް ލައްކަ ވަނަ ފަތުރުވެރިއާ އަކީ ޖަރުމަނުގެ ރައްޔިތެއް ކަމުގައިވާ ކާސްޓިން މެޑެލައިން ނީޓްކާއެވެ.

މި އަހަރަށް ސަރުކާރުން ފަސް ލައްކަ ފަތުރުވެރިންގެ އަމާޒު ފުރިހަމަ ކޮށްފައި ވާއިރު، އަންނަ އަހަރަށް ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅާފައިވާ ޓާގެޓަކީ 1.5 މިލިއަން ފަތުރުވެރިންނެވެ.

މިއަހަރު ރާއްޖެ އައި ފަސްލައްކަ ވަނަ ޓޫރިސްޓު އެއާޕޯޓްގައި / ފޮޓޯ: މޯލްޑިވިއަން

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މާޗު 27 އިން ފެށިގެން ޖުލައި 15 އާއި ހަމައަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލީ ޖުލައި 15 ގައިއެވެ. ބޯޑަރު ހުޅުވާލިފަހުން އެއްލައްކަ ފަތުރުވެރިޔާ ރާއްޖެ އައީ މިދިޔަ ހޮނިހިރު ދުވަހެވެ.

ޓޫރިސްޓުން އަންނަ އަދަދު މަތިވަމުންދާ އިރު، ބޯޑަރު ހުޅުވި ޖުލައި މަހު ދުވާލެއްގެ މައްޗަށް އައިސްފައި ވަނީ 100 މީހުންނެވެ. ނަމަވެސް މިހާރު އެވްރެޖު ގޮތެއްގައި 1,690 މީހުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.