އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ތާވަލުގެ އެއްވަނައާއި ދެވަނަގައި އޮތް ދެ ޓީމު ކަމަށްވާ ޓޮޓެންހަމްއާ ލިވަޕޫލް ވާދަ ކުރި މެޗު 1-2 އަކުން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.

މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ގިނަ ފުރުސަތުތައް އުފެއްދި ލިވަޕޫލް ޓޮޓެންހަމްގެ ގޯލު ފޫއަޅުވާލާ ލީޑު ނެގީ މެޗުގެ 26 ވަނަ މިނެޓްގައި މުހައްމަދު ސަލާހް ޖަހާދިން ލަނޑާއެކުއެވެ. މިއީ މިސީޒަންގައި ސަލާހް ލިވަޕޫލަށް ޖަހާ ދިން 11 ވަނަ ލަނޑެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޓޮޓެންހަމްއިން މާގިނަ ފުރުސަތުތަކެއް އުފައްދާފައި ނުވާ އިރު ލިވަޕޫލުގެ ލަނޑަށް ފަހު ޓޮޓެންހަމްއިން އުފެއްދި ފުރަތަމަ ހަމަލާ އެޓީމުން ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރި އެވެ.

މެޗުގެ 33 ވަނަ މިނެޓްގައި މި ލަނޑު ޓޮޓެންހަމްއަށް ކާމިޔާބުކޮށްދިނީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސައުތް ކޮރެއާގެ ފޯވަޑްގެ ސޮންއެވެ.

މެޗުގެ ދެވަނަ ހާފްގައި ލިވަޕޫލް ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެހާފްގައި ނުރައްކާތެރި ހަމަލާތައް އުފެއްދީ ޓޮޓެންހަމްއިންނެވެ. މި ގޮތުން މެޗުގެ ލީޑު ނަގަން ޓޮޓެންހަމްއަށް ރަނގަޅު ދެ ހަމަލާ އުފެއްދި އިރު ޒުވާން ފޯވަޑް ސްޓީވް ބަގްވައިން އަދި ތަޖުރިބާކާރުން ކުޅުންތެރިޔާ ހެރީ ކޭން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ނަގާލާފައެވެ.

ނަތީޖާއަކަށްވީ މެޗުގެ 90 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ލަނޑެއް ޖަހައިގެން ލިވަޕޫލް 1-2 އަކުން މެޗު ކާމިޔާބުކުރުމެވެ. އެންޑީ ރޮބަޓްސަން ނަގާދިން މި ކޯނަރު ގޯލުގެ ތެރެއަށް ވައްދާލީ ލިވަޕޫލްއަށް ކުޅޭ ބްރެޒިލްގެ ފޯވަޑް ރޮބާޓޯ ފަމީނިއޯއެވެ.

ރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލް މިވަނީ ތާވަލުގެ އެންމެ ކުރީގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެގޮތުން މިސީޒަންގައި 13 މެޗު ކުޅެ އެޓީމުން ވަނީ 28 ޕޮއިންޓް ހޯދާފައެވެ.

ޓޮޓެންހަމް އޮތީ 25 ޕޮއިންޓާއެކު ދެވަނައިގައެވެ.