އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ވުލްވްސްއާ ޗެލްސީ ވާދަކުރި މެޗުގައި، ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން ވުލްވްސް ކާމިޔާބު ކޮށްފިއެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މިސީޒަންގެ ތަށި ހޯދާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ޗެލްސީއިންނެވެ. މި ގޮތުން، މެޗުގެ 49 ވަނަ މިނެޓްގައި އެޓީމުގެ ލަނޑު ކާމިޔާބުކޮށް ދިނީ ތަޖުރިބާކާރު ފަރަންސޭސި ފޯވަޑް އޮލިވިޔޭ ޖިރޫއެވެ.
އެހެން ނަމަވެސް މެޗުގެ 66 ވަނަ މިނެޓްގައި ވުލްވްސްއިން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވުލްވްސްއަށް ކުޅޭ ޕޯޗުގަލްގެ ފޯވަޑް ޑެނިއަލް ޕޮންޑެންސެވެ.
މެޗުގެ ދެވަނަ ހާފްގައި ވުލްވްސްއަށް ޕެނަލްޓީއެއް ރެފްރީ ސުޓުވާޓް އެޓްވެލް ދިނެވެ. ނަމަވެސް ޗެލްސީގެ ޑިފެންޑަރު ރީސް ޖޭމްސް ވުލްވްސްގެ ފޯވަޑް ޕެޑްރޯ ނެޓޯއަށް ފައުލް ކުރި ކަމަށް ފުރަތަމަ ހީވިނަމަވެސް ދަނޑުގެ އަރި މަތީގައި ހުންނަ ރެފްރީގެ މޮނީޓަރުން ފައުލްގެ ރީޕްލޭ ބެލުމަށް ފަހު ރެފްރީ ވަނީ އެނިންމުން ބަދަލުކޮށްފައެވެ.
ރޭގެ މެޗުން ވުލްވްސް މޮޅުކޮށްދިން ލަނޑު ޖެހީ މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް 95 ވަނަ މިނެޓްގެ ތެރޭގައި ޕެޑްރޯ ނެޓޯއެވެ.
މި ނަތީޖާއާއެކު ޗެލްސީ މިވަނީ ޖައްސަ ޖައްސައިގެން ދެ މެޗުން ބަލިވެފައެވެ. އަދި ޗެލްސީ މިހާރު ލީގު ތާވަލުގެ ފަސް ވަނައަށް ވެއްޓިފައިވާ އިރު ރޭގެ މެޗުން ބަލިވީ ކުޅުންތެރިން ވަރުބަލިވެފައި ތިބުމުން ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ބުނެފައެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ލަމްޕާޑް ބުނީ ކުޅުންތެރި ވަރުބަލިވެފައި ބުނުމުން ހީވަނީ މެޗުގެ ނަތީޖާއަށް ބަހަނާއެއް ދައްކާ ހެން ކަމަށާ އެހެން ނަމަވެސް ޓީމުގެ ފަރާތުން ފެނުނު ކުޅުމުގައި އެއްވެސް ތާޒާ ކަމެއް ނެތް ކަމަށެވެ.
މިމެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ވުލްވްސް މިހާރު ވަނީ ކުޅުނު 13 މެޗުން 20 ޕޮއިންޓް ހޯދައިގެން ތާވާލުގެ 10 އަށް އަރާފައެވެ.