ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ގައުމު އަލުން ހުޅުވަން ނިންމާފައި ވާއިރު، ދުވާލެއްގެ މައްޗަށް، އެއާޕޯޓުން އެތެރެ ވޭވެނީ 500 ފަތުރުވެރިންނަށް ކަމަށް، ސްރީލަންކާގެ ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޕީސީއާރް ޓެސްޓު ހަދާނެ ކަމަށާ، ހުރިހާ ފަތުރުވެރިންވެސް ކަރަންޓީނަށް ދާންޖެހޭނެ ކަމަށް ލަންކާއިން ވަނީ ކަނޑައަޅާފައެވެ. ކަރަންޓީނު ވާން ޖެހެނީ އެކަމަށް ހާއްސަ ކޮށްފައިވާ ހޮޓާތަކެއްގައެވެ.

ކޮވިޑް-19އާ ގުޅިގެން ލަންކާގެ އާންމު އިންތިހާބުގެ ވޯޓުލުން ފަސްކޮށްފައިވަނީ އޯގަސްޓް 5 ވަނަ ދުވަހަށް/ފޮޓޯ: ދި އިންޑިއަން އެކްސްޕްރެސް

ސްރީލަންކާގެ ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނީ، ކަރަންޓީނުގެ ކަންކަމަށް 58 ހޮޓަލެއް ކަނޑާއަޅާފައި ވާނެ ކަމަށާ، މި ހޮޓާތައް އޮޕަރޭޓް ކުރަމުން ދާނީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.

މި ނޫން ހޮޓަލެއްގައި ކަރަންޓީނު ފުރިހަމަ ކުރުމަށް އެދޭ ފަތުރުވެރިން، ސިއްހީ ދާއިރާގެ އިޒުނައެއް ހޯދަން ޖެހޭނެ ކަމަށާ، އެ އިޒުނަ ހޯދަން ޖެހޭނީ ވުޒާރާގެ އިސް އޮފިސަރެއްގެ ފަރާތުން ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ފަތުރުވެރިންގެ ގޮތުގައި ސްރީލަންކާއަށް އެތެރެވާ ހުރިހާ އެންމެންވެސް 7 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ބިދޭސީ ފަތުރުވެރިންނަށް ގައުމު ހުޅުވާލާއިރު ފުރަތަމަ ގުރޫޕުގައި އެ ގައުމަށް އެތެރެ ވުމަށް ޝެޑިއުލް ކޮށްފައި ވަނީ ރަޝިއާގެ ފަތުރުވެރިންތަކެކެވެ.

ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާގެ ގާޑުންތަކެއް ޗެކްޕޯސްޓެއްގައި ހަރަކާތްތެރިވަނީ/ފޮޓޯ: އިންކުއަރާ

ޕައިލެޓް މަޝްރޫއެއްގެ ގޮތުގައި ޑިސެމްބަރު 26 ވަނަ ދުވަހު ލަންކާގެ ބޯޑަރު ހުޅުވާލުމަށް ހަމަޖެހިފައި ވާ އިރު، އެއާޕޯޓް އޮޕަރޭޝަންގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދާނީ ސިއްހަތާ ބެހޭ ވުޒާރާގެ އިތުރުން ސްރީލަންކާގެ ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަމަށް މައުލޫމާތު ލިބެއެވެ.

ކަން މިހެން އޮތް އިރު، މި ދުވަހަކީ ސްރީލަންކާގެ ގައުމީ އެއާލައިން ނުވަތަ "ސްރީލަންކަން" އިން އާންމު އުސޫލުން ފްލައިޓް އޮޕަރޭޝަންތައް ފަށާ ދުވަސްވެސްމެއެވެ.