ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމުގެ ފުރުސަތު ނެތުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ނަމުގައި ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އެތަށް ހައްގެއް ސަރުކާރުން ނިގުޅާގަނެފައިވާ ކަމަށެވެ.
އޭގެ އިތުރުން ލޯކަލް ކައުންސިލް ކެމްޕޭނުގައި ސަރުކާރުގެ އިސްވެރިންނަށް މުޅި ރާއްޖޭގައި އުޅެވޭ ކަމަށާއި ނަމަވެސް އިންތިހާބުގެ ވާދަވެރިން ތިބީ ރަށު ބަންދުގައި ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އެހެން ވިދާޅުވެފައި ވާއިރު ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހައްދުންމަތީގެ ދެ ރަށަކަށް ދަތުރު ކުރައްވާފައެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ވަޑައިގެންފައެވެ.
ޝިޔާމުގެ އިތުރުން އިދިކޮޅުގެ ގިނަ ފަރާތްތައް އަންނަނީ ކައުންސިލް އިންތިހާބާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަކުންނެވެ.
މިއަހަރުގެ އެޕްރީލް މަހު ބޭއްވުމަށް މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެންނެވެ.
އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައި ވާއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މުއްދަތު މަޖިލީހުން ވަނީ ދަންމާލާފައެވެ.
އިންތިހާބު ބާއްވަން އަދިވެސް އެޗްޕީއޭގެ ހުއްދަ ލިބިފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް ހުއްދަ ލިބޭނެ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.
އެގޮތުން އަންނަ ހަފްތާ ތެރޭ ހުއްދަ ލިބޭނެ ކަމަށާއި އިންތިހާބު ބޭއްވުމަށް ހުއްދަ ލިބުމާއެކު ވޯޓަށް ތައްޔާރުވާން ފަށާނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު މީގެ ކުރިން ވިދާޅުވެފައިވަނީ އިންތިހާބުގެ މަސައްކަތް ފެށުމަށް އަންނަ މަހުގެ 15ގެ ކުރިން އެ ކޮމިޝަނަށް ހުއްދަ ލިބެން ޖެހޭ ކަމަށެވެ. ނަމަވެސް އިއްޔެ ޝަރީފް ވިދާޅުވީ އަންނަ ޖެނުއަރީ ފަހެއްގެ ކުރިން ހުއްދަ ލިބުނަސް އިންތިހާބު ބޭއްވޭނެ ކަމަށެވެ.
މިހާތަނަށް 99 ފަރާތަކުން ކައުންސިލް އިންތިހާބުގައި ވާދަނުކުރުމަށް ނިންމާ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ. މިހާރު ކައުންސިލް އިންތިހާބުގައި ވާދަކުރަން ތިބީ 2،297 ކެނޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާނީ 1،779 ކެނޑިޑޭޓުންނެވެ.