ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ބަންދު ކޮށްފައި އޮންނަތާ އެތައް ދުވަހެއް ފަހުން މިއަދު 15 ތަނެއް ހުޅުވައިފިއެވެ.
އެޗްޕީއޭގެ ހާއްސަ އުސޫލުގެ ދަށުން މިއަދު ހުޅުވި ގެސްޓްހައުސްތަކުގެ ތެރޭގައި ހުޅުމާލޭގައި ހުރި ބައެއް ތަންތަނާއި މާލޭގައި ހުރި ބައެއް ތަންތަން ހިމެނެއެވެ.
ކޮވިޑް-19 ފެތުރެން ފެށި އިރު މާލެ ސަރަހައްދުގައި 82 ގެސްޓް ހައުސް ހިންގަމުން ދިޔައެވެ. އެއީ 2،342 އެނދެވެ.
ކޮވިޑާ ގުޅިގެން 9 މަސް ވާންދެން ބަންދުކޮށްފައި ހުރި ގެސްޓު ހައުސްތައް ހުޅުވަން ފެށުމާއެކު، އެތަންތަނަށް ބްކިން ހަދާފައިވާ މީހުން ދަނީ އަންނަމުންނެވެ.
އެޗްޕީއޭގެ ގައިޑްލައިންގައި ބުނާ ގޮތުން، ގެސްޓްހައުސް ތަކަށް ދާ ޓޫރިސްޓުން ފުރުމުގެ 72 ގަޑިއިރު ކުރިން ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެއެވެ. އަދި ގެސްޓްހައުސް ތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން، މަހަކު އެއްފަހަރު ޕީސީއާރް ޓެސްޓް ވެސް ހަދަން ޖެހޭނެއެވެ. އަދި ކޮންމެ ގެސްޓްހައުސް އަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމް ކުރުމާއި އައިސޮލޭޝަންއަށް ހާއްސަ ކޮޓަރިތަކެއް ހުންނަން ޖެހޭނެ އެވެ.
މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގެ ގެސްޓްހައުސްތަކުގައި ވެސް އަމަލު ކުރަން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ކަންކަން ހިމަނާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ، ފަތުރުވެރިން ރާއްޖެ އަންނައިރު 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި އޮންނަ ލިޔުމެއް ހުށަހަޅަން ޖެހުމާއި ރާއްޖެ އިން ފުރުމުގެ 48 ގަޑިއިރުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމެވެ. ރާއްޖެ އިން އެއްވެސް ފަތުރުވެރިޔަކަށް ފުރޭނީ ކުރިންވެސް އާންމު ކޮށްފައިވާ އުސޫލުގައި ބުނާ ފަދައިން ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުންނެވެ.
މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންގައިދޭ ނިޝާންތަކާއި ޕޯސްޓަރުތައް ގެސްޓްހައުސްގައި ފެންނަ ގޮތަށް ބަހައްޓަން ޖެހޭ އިރު ޕީޕީއީވެސް އެކަށީގެންވާ މިންވަރަކަށް ހުންނަން ޖެހެއެވެ. ހުރިހާ ސްޓާފުންނަށް ކޮވިޑް-19ގެ މައުލޫމާތު ދީ މި ހާލަތުގައި މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދުވެސް ދޭން ޖެހެއެވެ.
ރަށްރަށަށް ގޮސް މާލެއައިސް ދިރިއުޅޭ ގޭގައި ކަރަންޓީނުކުރެވެން ނެތް ހާލަތުގައިވެސް ގެސްޓު ހައުސްތަކުގައި ތިބެވޭއިރު މާލެއަށް އެކި ހިދުމަތްތައް ހޯދަން އަންނަ އަތޮޅުތަކުގެ މީހުންނަށާއި ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށްވެސް މާލޭ ސަރަަހައްދުގެ ގެސްޓުތަކުގައި ތިބެވޭނެ ކަމަށް އެ އުސޫލުގައިވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިޒަމްގެ ދާއިރާ މެދުކަނޑާލިއެވެ. ނަމަވެސް އަލުން ބޯޑަރު ހުޅުވާ ފަތުރުވެރި ކަމަށް ރާއްޖެ ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހެވެ. އެއަށް ފަހު މިދިޔަ އޮކްޓޯބަރު 15 ވަނަ ދުވަހު މާލެ ސަރަހައްދުގައި ހުރި ގެސްޓްހައުސް ތައް ފިޔަވައި އެހެން ގެސްޓްހައުސްތައް އޮޕަރޭޓް ކުރަން ހުއްދަ ވަނީ ދީފައެވެ.