ތާވަލުގެ ފުލުން ތިން ވަނައިގައި އޮތް ފުލަމްއިން ޗެމްޕިއަންސް ލިވަޕޫލް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.
ރޭ އިންގްލިޝް ޕްރިމިއާ ލީގުގައި ދެ ޓީމުގެ ދެމެދު ކުޅުނު މެޗު ނިމުނީ 1-1 އަކުން އެއްވަރުވެގެންނެވެ. މެޗުގައި ގިނަ ފުރުސަތުތަކެއް އުފައްދާ މޮޅު ކުޅުމެއްވެސް ދެއްކީ ފުލަމްއިން ނެވެ. މިސީޒަންގައި ފުލަމްގެ ދަނޑަށް ސަޕޯޓަރުން ވައްދައިގެން ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ ވެސް އެޓިމުންނެވެ.
ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާގެ ގޯލަށް އަމާޒުވި ގިނަ ހަމަލާތައް އޭނާ ސޭވް ކުރި ނަމަވެސް މެޗުގެ 25 ވަނަ މިނެޓްގައި ފުލަމްގެ ބޮބީ ޑިކޮޑޯވާ-ރީޑް ޖެހި ޝޮޓް އޭނާއަކަށް ވެސް ނުހުއްޓުވުނެވެ.
މިދިޔަ ހަފްތާގެ މެދު ތެރެއިން ޗެމްޕިއަންސް ލީގު މެޗެއް ކުޅުނު ލިވަޕޫލަށް ރޭގެ މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ވަރަކަށް ނުކުޅެވެއެވެ. ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނިގެން ދިޔަ އިރު ޓީމު ކުޅެމުން ދިޔައީ އެއްވެސް ގުޅުމެއް ނެތިއެވެ.
އެހެެން ނަމަވެސް ދެވަނަ ހާފްގައި ލިވަޕޫލުން ވަނީ ޓީމުގެ ކުޅުން ރަނގަޅުކޮށް ފުލަމްގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކޮށްފައެވެ. އަދި މެދުގެ 78 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން ފުލަމްގެ ކުޅުންތެރިއެއްގެ އަތުގައި ޖެހިގެން ލިވަޕޫލަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށް ދިނީ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހެވެ. މެޗުން މޮޅުވުމަށް ލިވަޕޫލަށް އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް މެޗު ނިމުނީ 1-1 އަކުން އެއްވަރުވެގެންނެވެ.
ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފުލަމް އަދި ވެސް އޮތީ 8 ޕޮއިންޓާއެކު ތާވަލުގެ ފުލުން ތިންވަނައިގައެވެ.
މި މެޗުން މޮޅުނުވުމުން ތާވާލުގެ އެއްވަނަ އަށް ޖެހިލުމަށް ލިވަޕޫލަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. އެހެން ނަމަވެސް އެޓީމު އަދި ވެސް އޮތީ އެއްވަނައިގައި އޮތް ޓޮޓެންހަމްއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ދެވަނައިގައެވެ.
ދެން ލިވަޕޫލް ވާދަ ކުރާނީ ޓޮޓެންހަމްއާއެވެ.