އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ތާވާލުގެ އެއްވަނައިގައި އޮތް ޓޮޓެންހަމްއާ ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 1-1 އަކުން އެއްވަރުވެއްޖެއެވެ.

ޕެލެސްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ ޓޮޓެންހަމްއިންނެވެ. މެޗުގެ 23 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކުޅަދާނަ ފޯވަޑް ހެރީ ކޭންއެވެ.

ދެ ޓީމުން ވެސް މޮޅު ކުޅުމެއް ދެއްކި މި މެޗުގައި ކްރިސްޓަލް ޕެލަސްގެ ކީޕަރު ހުއައިޓާ ވަނީ މުހިންމު ތިން ސޭވެއް ކޮށްފައެވެ. ކްރިސްޓަލް ޕެލަސްއިން ވެސް މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް އުފެއްދި އިރު މެޗުގެ 81 ވަނަ މިނެޓްގައި އެޓީމުން ޖެހިި ލަނޑު ކާމިޔާބުކޮށް ދިނީ ޖެފަރީ ޝްލަޕެވެ.

މިއީ ކްރިސްޓަލް ޕެލަސްއަށް ލިބުނު ހިލޭ ޖެހުމަކުން އޭނާ ޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގެ ކޮމެންޓޭޓަރުން ބުނީ މި ލަނޑު ގޯލަށް ވަނުމުގައި ޓޮޓެންހަމްގެ ތަޖުރިބާކާރު ކީޕަރު ހޫގޯ ލޯރިސްގެ އިހްމާލު އޮތް ކަމަށެވެ. އެހެން ނަމަވެސް މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ހޯސޭ މޮރީނިއޯ ބުނީ އޭނާގެ ކީޕަރަކީ ލީގުގައި ކުޅޭ އެންމެ މޮޅު ކީޕަރު ކަމަށާ އެންމެ މޮޅު ކީޕަރާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.

މޮރީނިއޯ ބުނީ މެޗުން މޮޅު ނުވީ އޭނާ ބުނި ގޮތަށް ޓީމަށް ނުކުޅެވުމުން ކަމަށާ އެކަމުގެ ތައުރީފު ހައްގު ވަނީ ކްރިސްޓަލް ޕެލަސް ކަމަށެވެ.

ރޭގެ މެޗުން އެއްވަރުވުމުން ޓޮޓެންހަމްއަށް ވަނީ ތާވާލުގެ ކުރީގައި އޮތް ފަރަގު ފުޅާ ކުރުމަށް ލިބުނު ފުރުސަތު ގެއްލިފައެވެ. އެހެން ނަމަވެސް އެޓީމު އަދިވެސް އޮތީ 12 މެޗު ކުޅެ 25 ޕޮއިންޓް ހޯދައިގެން ތާވާލުގެ އެއްވަނައިގައެވެ. ކްރިސްޓަލް ޕެލަސްއަށް ރޭގައި ލިބުނު ޕޮއިންޓާއެކު އެޓީމު މިހާރު ވަނީ ތާވާލުގެ 11 ވަނައަށް އަރާފައެވެ.