މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ދެމުން އަންނަ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ޖެނުއަރީމަހު ތެރޭގައި ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ ޖެނުއަރީގައި ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

މިދިޔަ އޮގަސްޓު މަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން މިހާތަނަށް 763 ސްޓޫޑަންޓް ލޯނު ދޫކޮށް މަތީ ތައުލީމުގެ އެކި ފުރުސަތުތައް ހޯދައިދިނުމަށް 341 މިލިއަން ހަރަދުކޮށްފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ދަރިވަރުން ލޯނު ނަގައިގެން ބޭރުގައި ކިޔަވަމުން އަންނައިރު މިއަހަރު ކޮވިޑް-19 އާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ނަގާފައިވާ ހުރިހާ ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިއުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ފަސްކޮށްދިނެވެ. އެގޮތުން އެންމެ ފުރަތަމަ ހަ މަހަށް ލޯނު ފަސްކޮށްދިންއިރު ފަހުން ވަނީ އެ މުއްދަތު މިއަހަރުގެ ނިޔަލަށް އިތުރުކޮށްދީފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސްޓޫޑަންޓް ލޯނު ތިން ޕަސެންޓަށް ކުޑަކޮށްދީފައެވެ.