މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ރިއާޔަތް ކުރުމަށް އަދުގެ ދިވެހި ސަރުކާރުން ހިފި އަމާޒަށް، ރާއްޖޭގައި ހިންގާ އދގެ މިޝަންއިން މަރުހަބާ ކިޔައިފިއެވެ.

ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ތަހަންމަލުކުރަންޖެހޭނެ ފަދަ ނާޒުކު ފައްތަރެއްގައިވާ ގައުމަކަށް ވުމާއެކު، ޖައްވަށް ބޭރުކުރާ ވިހަގޭސްތައް މަދުކުރުމުގައި ރާއްޖެއަކީ ނަމޫނާ މަސައްކަތްތަކެއްކުރާ ގައުމަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ، ޕެރިސް އެއްބަސްވުމަށް 5 އަހަރުފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ކްލައިމެޓް އެމްބިޝަން ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ދެއްވާފައެވެ.

މޫސުން ގޯސްވެ، ފެން ބޮޑުވެފައި ވަނިކޮށް / ފައިލް ފޮޓޯ: ދަ ޕްރެސް

ވާޗުއަލް ޕްލެޓްފޯމެއްގައި ކުރިއަށް ގެންދިޔަ ސަމިޓްގައި ތަގުރީރު ކުރިއަށް ގެންދަވަމުން ރައީސް ސޯލިހު ވަނީ، ދިވެހިރާއްޖެއިން އޮތީ މޫސުމީ ކަންކަމަށް އަންނަބަދަލުތައް ދެނެގަނެ އެކަން ކުޑަކުރުމަށް ކުރާމަސައްކަތުގައި ކުރިމަތިވާނެ ދަތިތަކާއި ކުރިމަތިލުމަށް ފުރިހަމަ ތައްޔާރުވެގެންކަމުގައި ވިދާޅުފައެވެ.

އަދި އެހެން ޤައުމުތަކާއި ހިލާފަށް ރާއްޖެއަކީ މިހާރުވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރަމުންދާ ގައުމަކަށް ވާތީ އެކަންކަން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުއެޅުއްވުމަށް ރާއްޖެއަށް ވަނީ މަޖުބޫވެފައިކަމުގައިވެސް ރައީސް ސޯލިހުގެ ތަގުރީރުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި މީހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން 2030 ވަނަ އަހަރުގެ ނިޔަލަށް، ޖައްވު ހޫނުކުރާ ވިހަގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރުގެ ހަތަރުބައިކުޅަ އެއްބައި ނައްތާލެވޭނެކަމަށް ވިދާޅުވިއެވެ. އަދި މިއީ ރަނގަޅު ފެށުމެއްކަމުގައި ދެކިގެން މުސްތަގުބަލުގައި މިއަށްވުރެ ބޮޑު ތަސައްވަރަކާއިއެކު މަސައްކަތްކުރައްވާނެކަމުގެ ޔަގީންންކަންވެސް ރައީސް ސޯލިހު ވަނީ ދެއްވާފައެވެ.

ބޭރުގެ ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެނަމަ، 2030 ވަނަ އަހަރު، ރާއްޖެއަށް ގާތްގަނޑަކަށް، "ނެޓް ޒީރޯ" އާއި ހަމައަށް ވާސިލުވެވިދާނެކަން ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ. މި ކަމުގައި ބޭރުގެ ފަރާތްތަކުގެ ފަންނީ އަދި މާލީ އެހީ ބޭނުންވާނެ ކަންވެސް ރައީސް ސޯލިހުގެ ތަގުރީރުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ދިއްފުއްޓަށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް / ފޮޓޯ: ސޯޝަލް މީޑިއާ

ދިވެހި ސަރުކާރަށް އަމާޒަށް މަރުހަބާ ކިއާކަން ހާމަކޮށް، ރާއްޖޭގައި ހިންގާ އދގެ މިޝަންއިން ކުރި ޓްވީޓްގައި، މިކަމުގައި ރާއްޖެއަށް ބޭނުންވާ އެހީ ފޯރުކޮށްދިނުން މަތީ އެ އިދާރާއިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

ކްލައިމެޓް އެމްބިޝަން ސަމިޓަކީ، މޫސުމީ ބަދަލުތައް ކުޑަކުރުމުގެ ގޮތުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމުގެ ގޮތުން، ގައުމުތަކުން ނިންމަވާފައިވާ މުހިންމު ނިންމެވުންތަކާއި އަދި މިކަމާ ގުޅޭގޮތުން އެކުލަވާލާފައިވާ މުސްތަގުބަލުގެ ތަސައްވުރުތައް އެއް ތަނެއްގައި ހިއްސާކުރުމަށް މަގުފަހި ކުރާ ސަމިޓެކެވެ. މި ސަމިޓް މަގުފައިވެގެންދާނީ ޔޫ.އެން ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) އިން 2021 ވަނަ އަހަރުގެ ނޮވެންބަރު 1-12 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ދި ކޮންފަރެންސް އޮފް ދަ ޕަރޓީސް (ސީ.އޯ.ޕީ) ގެ 26 ވަނަ ސެޝަނަށެވެ.